ދާދި ފަހުން ބްރެޒިލް އަށް ދިޔަ ކާގޯ ބޯޓެއް ޖޫރިމަނާކޮށް ބްލެކް ލިސްޓް ކުރީ އޭގައި ތިބި ހަތަރު ދިވެހިންގެ ލިޔެކިޔުންތައް ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފުރިހަމަ ނުވާތީ އެވެ.
އެ ބޯޓު ހިންގާ ކުންފުނިން ރާއްޖޭގެ އެޖެންސީއަށް، އެ ހަތަރު ދިވެހިންގެ ނަމާއެކު، އަންގާފައިވަނީ އެމީހުން ގޮވައިގެން އަލުން ބްރެޒިލްގައި ބަނދަރުކޮށްފި ނަމަ، ކުރިން ކޮށްފައިވާ އަދަދުގެ ދެ ގުނަ ޖޫރިމަނާ ކުރާނެ ކަމަށާއި އެ ހަތަރު ދިވެހިން ބޯޓުން ބާލަން ޖެހޭނެ ކަމަށެވެ. އެ ލިޔުމުގެ ކޮޕީއެއް "އަދަދު" އަށް ވަނީ ލިބިފައެވެ.
"އެ ހިސާބުން އެ ހަތަރު މީހުންގެ ވަޒީފާ ގެއްލުނީ. އެ މީހުން ޖެހޭނީ ރާއްޖެ ގެންނަން. އެއީ އެޖެންސީ އަށް ވެސް ހަރަދު ހިނގާނެ ކަމެއް،" ރާއްޖޭގެ އެޖެންސީން، ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.
އެޖެންސީން ވާހަކަ ދެއްކެވި މީހަކު ބުނީ، ދިވެހި ސީމަނުންގެ ވަޒީފާ ގެއްލެނީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަންޖެހޭ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓް (އެސްއައިޑީ) އާއި ސީމަން ބުކްގައި މަލޫމާތު ފުރިހަމަ ނުވާތީ ކަމަށެވެ.
އެސްއައިޑީ އަކީ ސީމަނުން އެކި ގައުމުތަކުގެ ބަނދަރުތަކާއި އެއާޕޯޓުތަކަށް ވަނުމަށް ބައިނަލްއަގްވާމީ ގޮތުން އޮންނަންޖެހޭ އައޑީ ކާޑެކެވެ. ސީމަން ބުކް އަކީ އެ ފަރާތްތަކާ ބެހޭ މައުލޫމާތާއި ތަޖުރިބާ އާއި ފެންވަރު ބަޔާންކުރާ ޕާސްޕޯޓެއްގެ ގޮތުގައި ބޭނުންކުރާ ފޮތެކެވެ.

އެޖެންސީ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ އިންޓަނެޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ މިންގަނޑަށް ދިވެހި ސީމަނުންގެ އެސްއައިޑީ އާއި ސީމަން ބުކް ފުރިހަމަ ނުވާ ކަމަށެވެ.
"އައިއެލްއޯ މިންގަނޑަަށް ނުފެތޭތީ މައްސަލް އަކީ، އެކަމާ ހުރެ ވަރަށް ގިނަ ސީމަނުންނަށް ބޯޓު ދަތުރުކުރަން ނުދެވި އެބަތިވި، ތަފާތު އެކި މައްސަލަތައް ދިމާވަމުން ގޮސް ބޯޓު ދަތުރު ކުރަންދާ މީހުން މިހާރު ވަރަށް ބޮޑުތަން މަދުވެއްޖެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން މިހާރު ސީމަނުންގެ ގޮތުގައި ވާޒީފާ އަދާކުރަނީ 150 އަށްވުރެ ވެސް މަދު މީހުންނެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި އެޖެންސީ ތަކުންނާއި ސީމަނުންގެ ފަރާތުން ވެސް ތަކުރާރުކޮށް މި މައްސަލަ ވަނީ މިނިސްޓްރީގެ ސާމާލުކަމަށް ގެނެސްފަ އެވެ.
ރާއްޖެ އާއި ދުރު ގިނަ ގައުމުތަކުން، ދިވެހި ސީމަނުންނަށް މައްސަލަތައް ދީމާވާއިރު، ކުރިއަށް ގޮތް ތަނުގައި ރާއްޖެ އާ ކައިރި ގައުމުތަކަށް ވެސް ދިވެހި ސީމަނުންނަށް ނުދެވިދާނެ ކަން ސީމަނުންގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީއަށް ގުޅުމުން، ސީމަނުންނަށް ދިމާވާ މައްސަލަތައް މިނިސްޓްރީއަށް އެނގޭކަން އެގުނެވެ. ނަމަވެސް މިނިސްޓްރީގެ ފަރާތުން ރަސްމީ ކޮމެންޓެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ. ރާއްޖޭގެ ހުރިހާ ސީމަނުންނާއި އެޖެންސީ ތަކެއްގެ މައުލޫމާތު މަހުން މަހަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ފޮނުވަންޖެހެ އެވެ.
އައިއެލްއޯގެ މެމްބަރު ގައުމަކަށްވުމުގެ އިތުރުން، 175 ގައުމަކުން ބައިވެރިވެފައިވާ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ) ގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެއިން ސޮއިކޮށްފައި ވަނީ 1967 ވަނަ އަހަރެވެ. އައިއެމްއޯގެ ވައިޓްލިސްޓުގައި ރާއްޖެ ހިމެނުނީ 2015 ގަ އެވެ.













