ރާއްޖޭގައި މަސްވެރިކަން ކުރާ ދޯނިތަކުގެ ތެރެއިން ދޯނީގައި ލޮނުފެން ފިނިކުރާ ނިޒާމާއި ސޯލާ ޕަވާ ސިސްޓަމް ހަރުކުމަށް އެދޭ ދޯނިތަކުން އެ ފުރުސަތަށް އެދުމަށް އަނެއްކާވެސް ހުޅުވާލައިފި އެވެ.
ދޯނިތަކުގައި މި ނިޒާމުތައް ގާއިމުކުރުމަށް ހިންގާ ޕްރޮޖެކްޓަކީ އިކޮނޮމިކް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، މެރިން ރިސޯސަސް، އެންޑް އެގްރިކަލްޗާ އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން, އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބުނު އެޕްލިކޭޝަންތައް އެވޯޑުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ ދަށުން އެކަމަށް އެދޭ މަސްދޯނިތަކުގެ ވަތުގައި ލޮނުފެން ފިނިކުރާ ނިޒާމު ގާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ދޯނިތަކުގައި ބޭނުންކުރުމަށް ސޯލާ ޕަވާ ސިސްޓަމް ގާއިމު ކުރުމަށް ބޭނުންވާ ފައިނޭންސިން ފޯރުކޮށްދެވިގެންދާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މި ސިސްޓަމަށް އެދޭ ފަރާތްތަކުން، އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް މި އަހަރުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް:
- ރަޖިސްޓަރ ކުރެވިފައިވާ އުޅަނދަކަށް ވުމާއި މަސްވެރިކަން ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން.
- އުޅަނދު މިހާރުވެސް ބޭނުންކުރެވެނީ މަސްވެރިކަންކުރުމަށް ކަމުގައިވުން,
- 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވުމާއި އަދި މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އުޅަނދުގައި ހުރުން,
- ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން,
- އަދި, އެސްޑީއެފްސީއިން ކަނޑައަޅާފައިވާ ފައިނޭންސިންގ ސްކީމާއި އެއްގޮތަށް އަނބުރާ ފައިސާ ދެއްކުމުގެ ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުމެވެ.
މަޝްރޫއުގެ ދަށުން ޝަރުތުހަމަވާ ފަރާތްތަކަށް، އެފަރާތެއްގެ ދޯނިތަކަށް ބޭނުންވާ ސިސްޓަމް ފޯރުކޮށްދޭ ސަޕްލަޔަރުންގެ ލިސްޓުން ބޭނުންވާ ސަޕްލަޔަރެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި މި މަޝްރޫއުގެ ދަށުން ފައިނޭންސިންގ ފެސިލިޓީގެ އަގު ކަނޑައެޅޭނީ ހިޔާރު ކުރާ ސިސްޓަމަށް ބިނާކޮށް ކަމަށާއި ސިސްޓަމް ހަރުކޮށްދިނުމާއި ސިސްޓަމް ހިންގުމާއި ގުޅޭގޮތުން ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމުގެ މަސައްކަތް މި ޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ދާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.













