މަސް ކިރާ ކެޕޭސިޓީ އިތުރު ކުރުމަށް މިދިޔަ މަހު މިފްކޯއިން ގެނައި "ޖަޒީރާ 103" ބޯޓަށް މަސް ގަންނަން މިއަދު ފަށައިފި އެވެ.
ޖުމުލަ 420 މެޓްރިކް ޓަނުގެ މަސް ކުރުމުގެ ގާބިލުކަން ލިބިފައިވާ އެ ބޯޓަކީ މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ގެންނަން ހަމަޖެހިފައިވާ ހަތަރު ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓެވެ. އެ ބޯޓަށް ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ގަނެ ފިނި ކުރެވޭނެ އެވެ.
އެ ކަމަށް ހާއްސަކޮށް ގދ. ފަރެސްމާތޮޑާގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ، އިސްމާއިލް ފައުޒީ ވިދާޅުވީ ޖަޒީރާ 103 އަށް މަސް ގަންނަން ފެށުމާ އެކު ދެކުނުގެ މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"ޖަޒީރާ އަކީ ބޯޓުގެ ދެފަރާތުން މަސް ކިރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެއް، އިތުރު ތިން ބޯޓެއްގެ މިޑިފިކޭޝަންގެ މަސައްކަތް މިހާރު ވެސް މިދަނީ ކުރަމުން، ވަރަށް އަވަހަށް އެ ތިން ބޯޓުވެސް އަޅުގަނޑުމެންގެ އޮޕަރޭޝަނާ ގުޅޭނެ،" އޭނާ ވިދާޅުވި އެވެ.
އެ ހަފުލާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު ވިދަޅުވީ މަސްވެރިކަން ކުރިއެރުވުމަށްޓަކައި މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓުތައް ހިންގަމުން ގެންދާ ކަމަށެވެ.

"ޖަޒީރާ 103 އާއެކު މިފްކޯގެ ކެޕޭސިޓީ މިވަނީ 5027 މެޓްރިކް ޓަނަށް އަރާފައި. އަދި އަންނަން އޮތް އަނެއް ތިން ބޯޓު އައުމުން އެ އަދަދު 5887 މެޓްރިކް ޓަނަށް އިތުރުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ފާއިތުވި ހަތަރު އަހަރަކީ މަސްވެރިކަމަށް އެންމެ ބޮޑެތި އިންގިލާބުތައް ގެނެސްދިން ހަތަރު އަހަރު ކަމަށާއި މަސްވެރިންގެ ހުރިހާ ޝަކުވާތަކަކަށް ހައްލު ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން އޭނާ ވަނީ 2022 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް މިފްކޯއިން މަސް ގަތް އަހަރުކަން ފާހަގަކުރައްވައި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
އެ ހަފުލާގައި ފިޝަރީޒް މިނިސްޓަރު، ޑރ. ހުސެއިން ރަޝީދު ވެސް ވަނީ މިފްކޯގެ 29 އަހަރުވީ ތާރީހުގައި ވެސް އެންމެ ގިނަ ކަންތައްތަކެއް މަސްވެރިންނަށް ކޮށްދެއްވީ މި ސަރުކާރުންކަން ފާހަގަ ކުރައްވައިފަ އެވެ.
ދެކުނުގެ މަސްވެރިން ބާނާ މަސްކޮޅު ކިރަން، ކޫއްޑޫއަށް ދާން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި އެކަމަށް އެތައް ބައިވަރު ތެޔޮ އަންދަން ޖެހޭ ކަމަށް ހުސެއިން ރަޝީދު ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގައި އެންމެ ރަނގަޅަށް މަސްވެރިކަން ކުރާ ސަރަހައްދުގައި ފަސޭހައިން މަސް ކިރޭނެ ގޮތް ވުމަކީ އެއީ މަސްވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
"މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ކޫއްޑޫއަށް 900 ޓަނުގެ މަސް ކިރަން އެބަ ގެންދޭ، އެކަހަލަ ދުވަހެއްގައި އެތަނަށް އެ މަސް ނުކިރުނީމާ ހިތްހަމަ ނުޖެހުން އެބަ އުފެދޭ، އެހެނަސް މި ބޯޓާ އެކު އެކަމަށް ހައްލެއް ލިބިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި 17،000 އަށްވުރެ ގިނަ މީހުން މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާއިރު، ބާނާ މަސްކޮޅު ކިރާ ނުލެވުމުގެ ޝަކުވާއަކީ އަބަދު ވެސް މަސްވެރިން ކުރާ ޝަކުވާއެކެވެ. ޖަޒީރާ ސީރީޒްގެ ހުރިހާ ބޯޓުތަކެއް ރާއްޖެއަށް ގެނެވުމުން އެ މައްސަލައަށް ވަރަށް ބޮޑަށް ލުއި ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.
ޖަޒީރާ 103 އަކަށް މިއަދު މަސްކިރަން ފަށާފައިވާއިރު، އެ ސީރީޒްގެ ދަށުން ރާއްޖެ ގެންނަން ހަމަޖެހިފައިވާ އަނެއް ތިންބޯޓަށް ވެސް މިހާރު ވަނީ ފައިސާ ދައްކައިފަ އެވެ. ކުރު މުސްތަގުބަލެއްގެ ތެރޭގައި އެ ބޯޓުތައް ވެސް ރާއްޖެއަށް އަންނާނެ ކަމަށް މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވި އެވެ.













