ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވި މައްސަލާގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ އެ މަގާމުން ވަކިކޮށްފި އެވެ.
މުގުނީ ކުރި ޓުވީޓެއްގައި ރައީސް ސޯލިހަށް ވަގަށް ގޮވި މައްސަލާގައި މީގެ ދެ ދުވަސްކުރިން އޭނާ ވަނީ ރައީސް އޮފީހަށް ހާޒިރުކޮށް ނަސޭހަތްތެރިވެފަ އެވެ. އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.
އޭނާ ވަކިކުރި ސަބަބު ހާމަނުކުރި ނަމަވެސް "އަދަދު" އަށް ޔަގީން ކުރެވިފައިވާ ގޮތުގައި މުގުނީ މަގާމުން ވަކިކުރީ އެ ޓްވީޓާާ އެކު ސިޔާސީ މުވައްޒަފުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑާއި އޭނާ ހިލާފުވެފައިވާ ކަމަށް ނިންމަ އެވެ.
މުޣުނީގެ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވަނީ "ހިންނަވަރު ވަގު އިބްރާހީމް ލީޑްކުރަނީ ކުންފުންޏެއް ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތް ކޮރަޕްޓް ވަގު މީހުންގެ ޓީމަކާއެކީ" ކަމަށެވެ. އެގޮތުން, ސަރުކާރު ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް އެ ތުހުމަތު އަޅުއްވާފައިވެ އެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ ފުރަތަމަ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވުމަށް ފަހު، ފަހުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވި މުޣުނީގެ ވަނީ އެ ޓްވީޓު ޑިލީޓު ކުރައްވައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މުޣުނީގެ އެކައުންޓް ކުރެއްވި ޓްވީޓަކަށްވި ނަމަވެސް އެއީ, އޭނާ ކުރެއްވި ޓްވީޓެއް ކަމަށް އޭނާ އިންކާރު ކުރައްވަ އެވެ.
ރައީސް ސޯލިހުގެ ރިޔާސީ ދައުރު ނިމެންދެން ސަރުކާރުގައި ދެމިއޮންނަން ޖުމްހޫރީ ޕާޓީން ނިންމާފައި ވިޔަސް، ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހޭތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ވަކިން ވާދަކުރުމަށް އެ ޕާޓީން ނިންމާފައިވެ އެވެ.












