ގިނިކާމާދޫނި ގޭގައި ނުގެންގުޅެވޭނެ ކަމަށާއި، ދިރޭ ޖަނަވާރު ގެންގުޅެން ޖެހޭނީ އެފަދަ ތަކެތި ގެންގުޅުމަށް ހާއްސަ ފާމް ރަޖިސްޓްރީ ކޮށްގެން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.
މާލޭގައި ގިނިކާމާދޫނި (އޮސްޓްރިޗް) ގެންގުޅޭ މައްސަލަ ފެންމަތިވުމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ޕޯލްޓްރީ ދޫނި އެތެރެކުރުމަށް ދޫކުރާ ހުއްދައިގެ ދަށުން ގިނިކާމާދޫނި ފަދަ މާ ދޫނި އެތެރެކޮށް، ގަނެ ވިއްކައި، ޕެޓުގެ ގޮތުގައި ގޭގޭގައި ގެންގުޅޭކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ ދޫނި ގެންގުޅެން ޖެހޭނީ އާންމުން ދިރިއުޅޭ ގެތަކާއި އެކަހެރިކޮށް ކަނޑައެޅޭ ފާމުތަކުގައި ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
"މިއަދުން ފެށިގެން ޒިރާއީ ބޭނުންތަކަށް ދިރޭ ޖަނަވާރު (ޕޯލްޓްރީ ދޫންޏާއި ލައިވް ސްޓޮކް) އެތެރެކުރުމަށް މި މިނިސްޓްރީން އިމްޕޯޓު ހުއްދަ ދޫކުރާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް މި މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި އާންމުކޮށް އަންގައި އިއުލާނު ކުރަމެވެ،" އިއުލާނުގައި ވެ އެވެ.
ކުރިން ވެސް އެފަދަ ދޫންޏަށް ހުއްދަ ދެނީ ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ފާމުތަކުގައި ގެންގުޅުމަށް ކަމަށާއި އެ މިންގަނޑުތައް ބިނާވެފައި ވަނީ ޖަނަވާރު ގެންގުޅުމުގައި ބައިނަލްއަގުވާމީ ގޮތުން އަމަލުކުރާ ދުޅަހެޔޮކަމުގެ މިންގަނޑުތަކާއި ޙަޔަވީ ރައްކާތެރިކަމުގެ (ބަޔޯ ސެކިއުރިޓީ) މިންގަނޑުތަކުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
ދިރޭ ޖަނަވާރު ގެންގުޅުމުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ތަންފީޒުކުރުމަށް އެފަދަ ތަކެތި އެތެރެކުރާ ފަރާތްތަކާއި ގެންގުޅޭ ފަރާތްތައް ޒިންމާދާރުވުމަށް މިނިސްޓްރީން ވަނީ ގޮވާލައިފަ އެވެ.












