ފުއްގިރި މައްސަލައިގެ ހެކިތައް ދަށު ކޯޓުން ބަލައިގަތީ ރަނގަޅަށް ކަމަށް ނިންމައިިފި

ފުއްގިރި މައްސަލައިގެ ނިންމުންތަކާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު

ފުއްގިރި މައްސަލައިގެ ނިންމުންތަކާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ރ. ފުއްގިރީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އެ ކޯޓަށް ހުށަހެޅި ހެކިތައް ބަލައިގަތުމާ މެދު ނިންމި ނިންމުންތައް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި އިސްތިއުނާފު އެމަނިކުފާނަށް ނާކާމިޔާބުވެއްޖެ އެވެ.

އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި ބައެއް ސިއްރު ހެކިތައް ހާމަ ކުރުމަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. ދަށު ކޯޓުގެ އެ ނިންމުން ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ ނިންމުން ދެމެހެއްޓި އެވެ.

ހައި ކޯޓުގެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން އައިޝާ ޝުޖޫން އާއި ޑރ. މުހައްމަދު އިބްރާހިމް ތާއީދުކުރެއްވި އެވެ.

ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް އެދި ޔާމީންގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅުމެއް ހުށަހެޅި އެވެ. އެކަމަކު، ނިންމީ ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އޭގެ އިތުރުން، އަލަށް އަމަލު ކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގެ ދަށުން އާ ހުށަހެޅުން ހުށަހަޅަން ފުރުސަތު ދިނުމަށް އެދުނު ނަމަވެސް އެ ފުރުސަތު ނުދޭން ދަށު ކޯޓުން ނިންމާފައިވެ އެވެ. އަދި ބައެއް ލިޔުންތައް ހާމަ ކުރަން އެދުނު ނަމަވެސް ނިންމީ ހާމަ ކުރަން ނުޖެހޭ ކަމަށެވެ.

އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމާ ބެހޭގޮތުން ނިންމި ނިންމުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ. އަދި ލިޔުންތައް ހާމަ ކުރަން ނުޖެހޭ ކަމަށް ނިންމީ ރަނގަޅަށް ކަމަށާއި ހެއްކާ ބެހޭ ގާނޫނަށް މި މައްސަލައިގެ މާ ފަހުން އަމަލު ކުރަން ފަށާފައިވާތީ އާ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދޭން ނުޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެއް ވެސް އޮތެވެ. ސުޕްރީމް ކޯޓުން ނިންމީ ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާ ކުރުމުގައި ގޯހެއް ނެތް ކަމަށާއި ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.

ދަށު ކޯޓުގައި މިހާރު ހިނގަމުންދާ ފުއްގިރީގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އެވެ. އޭގެ އިތުރުން، ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު ދީފައިވާ ޔާމީން މިވަގުތު ހުންނެވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެހެންވެ، އިންތިހާބުގައި ވާދަ ކުރެއްވޭނެތޯ އޮތީ ސުވާލު އުފެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox