ލޯކަލް ގަވަރުމަންޓު އޮތޯރިޓީން (އެލްޖީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި އަފްޝަން ލަތީފް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަފްޝަން އިސްތިއުފާ ދެއްވި ސިޓީ އެލްޖީއޭއަށް މިހާރު ފޮނުވާފައިވާކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. އަދި, މި ހަފުތާއަކީ އޭނާ އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނަވާނެ ފަހު ހަފުތާކަން ވަނީ އެނގިފަ އެވެ.
މިކަމާ ގުޅިގެން އަފްޝަންގެ ބަހެއް ހޯދުމަށް "އަދަދު" އިން ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ މިހާތަނަށް ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ނަމަވެސް, އަފްޝަން ވަނީ އޭނާ އިސްތިއުފާދެއްވީ އާއިލާއަށް ވަގުތުދެއްވާ އަމިއްލަ ކަންކަމަށް އިސްކަން ދެއްވަން ކަމަށް އެހެން ނޫސްތަކަށް މައުލޫމާތު ދެއްވާފަ އެވެ. އަފްޝަން އެ މަގާމަށް އައްޔަންކުރީ 2020 ގަ އެވެ.
އަފްޝަން ހުންނެވި ސަރުކާރުގެ މަގާމުން އިސްތިއުފާދެއްވިއިރު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އޭނާގެ ފިރިކަލުން ހުސެއިން އަމްރު ވަނީ މާޗު މަހުގެ ތެރޭގައި އެ މަގާމުން ވަކިކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު އަދި އަފްޝަންވެސް ތާއީދުކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަދި, އެ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވުމާއެކު ޕާޓީގެ ތެރޭގައި އުފެއްދި ފިކުރެއްގެ ދިރުން ކޯލިޝަނުން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ އިސް ސަފުގައި އަމްރު ދަނީ ހަރަކާތްތެރިވަމުންނެވެ.












