ކ. ފުށިދިއްގަރު ފަރަށް 2015 ގައި ބާޖަކާއި ޓަގު ބޯޓެއް އުރުނު މައްސަލައިގައި އިންޑިއާ ކުންފުންޏަކު 100 މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ ދައްކާފައިނުވާ މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފި އެވެ.
ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ނަމަކަށް ކިޔާ ޓަގް ބޯޓަކާއި މުތާ ގްރޭސް ނަމަކަށް ކިޔާ ބާޖެއް އެރީ ޑިސެމްބަރު 2015, ގަ އެވެ. އެ މައްސަލާގައި އެ އުޅަނދުތައް ނިސްބަތްވާ އިންޑިއާގެ މެއިންލޭންޑް ޝިޕިން އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް ޖޫރިމަނާ ކުރީ މާޗު، 2018 ގަ އެވެ.
އެ ފައިސާ އަދިވެސް ދައްކާފައި ނުވާތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފަ އެވެ. އެ އޮފީހުން މައްސަލަ ކޯޓަށް ހުށަހެޅީ އެ އަހަރު ފަހުކޮޅުގަ އެވެ.
"ޑިސެމްބަރު 28 ވަނަ ދުވަހު ކޯޓަށް ހުށަހަޅާފައިވާނެ، ދެން ދައުވާ ރައްދުވާ ފަރާތަށް، އެ ދައުވާއަަށް ޖަވާބު ދިނުމަށް ކޯޓުން އަންގާފައިވޭ، މައްސަލަ ކޯޓުގައި ކުރިއަށް އެބަދޭ،" އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލް ފާތިމަތު ޚަލީލް "އަދަދު" ނޫހަށް މިއަދު ވިދާޅުވި އެވެ.
އެ ހާދިސާގައި ފަރުގެ ގާތްގަނޑަކަށް 4370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވެފައިވެ އެވެ. އެ ގެއްލުމުގެ އަގު ގާތްގަނޑަކަށް 110 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ. ނަމަވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާ އެވެ.

ދާދި ފަހުން ހއ. ދިއްދޫ ފަރަށް ވެސް އެ ކުންފުނީގެ ޓަގް ބޯޓެއް އެރި އެވެ. އެ ރަށު ފަރުމަތީގައި އޮތް ޓަގު ބޯޓު ފުންކުރީ މާލޭން އެހެން ޓަގު ބޯޓެއް ގެންގޮސްގެނެވެ. އެ ރަށުގެ ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް ޓަކައި އީޕީއޭގެ ޓީމެއް އެ ރަށަށް ދާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.












