ގ. މޫނިމާގެ ރަހުނުކޮށްގެން، ބިޒްނަސް އިމޭޖް ގްރޫޕް (ބިގް)އިން ނެގި 34 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކައި ހުރި ފައިސާ އަންނަ ޑިސެމްބަރު މަހުން ފެށިގެން ދައްކާ ގޮތަށް އެ ކުންފުނިން ބީއެމްއެލްއާއެކު ކޯޓުން ބޭރުގައި އެއްބަސްވެއްޖެ އެވެ.
ޕީއާރް ކުންފުނި, ބިގްއަށް 2016 ގައި ބީއެމްއެލް އިން ދޫކުރި 34،350،000ރ. ލޯނަށް ފައިސާ ދައްކަމުން ގޮސްފައިނުވާތީ، ބީއެމްއެލްއިން 2020 ވަނަ އަހަރު ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ މޫނިމާގެ ރަހުނުކުރުމުގެ އެއްބަސްވުމުގެ ދަށުންނާއި ލޯނު އެއްބަސްވުމުގެ ދަށުން ބީއެމްއެލްއަށް ލިބިގެންވާ ހައްގުތައް ދެމިގެންދާނެ ކަމަށެވެ.
އެ ލޯނު ދިނީ ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިިކޭޝަން ހެޑް، މ. ބޯގަންވިލާ ހަސަން އިސްމާއިލާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޮޓޯގްރާފަރު މއ. ފަށުއި، މުހައްމަދު މުންޝިދުގެ އިތުރުން ގ. މޫނިމާގެ، ހަސަން ޒަރީރު ޔަގީންކަން ދީގެންނެވެ.
މޫނިމާގޭ ގޯތި ބަހައިގެން ޒަރީރަށް ލިބުނު ބައި ރަހުނުކޮށްގެން ނެގި އެ ލޯނަށް ފައިސާ ދައްކަމުން ނުދާތީ ބީއެމްއެލްއިން އެދުނު ގޮތަށް ސެޕްޓެމްބަރު 26، 2022 އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މޫނިމާގެ ގޯއްޗާއި އިމާރާތްތައް ވިއްކާލަން ކޯޓުން ކުރިން އޮތީ ހުއްދަ ދީފަ އެވެ.
އެކަމަކު، އެ މައްސަލައިގައި ބީއެމްއެލްގެ އެދުމުގެ މަތިން، މި މަހުގެ ހަތް ވަނަ ދުވަހު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި، ބީއެމްއެލް އާއި ބިގްގެ ފަރާތުން ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އާދެވިފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އައީ، އެ ދުވަހު ބޭއްވި އަޑުއެހުމުގެ ނިޔަލަށް ނުދައްކައި ހުރި 22،124،106ރ. އާއި އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ފައިސާއާއެކު، ޑިސެމްބަރު 1، 2023އިން ފެށިގެން ކޮންމެ މަހަކު 384،000ރ. ކޯޓަށް ދައްކައި ހަލާސްކުރަމުން ދިޔުމަށެވެ.
އެހެންވެ، ކޯޓުން ބޭރުގައި އެއްބަސްވި ގޮތަށް، ލޯނުގެ ފައިސާ ދަައްކަން ފުރުސަތު ދެއްވައި ގާޒީ ރިޒްމީނާ އިދުރީސް ހުކުމްކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ނިމެންދެން ބޭންކަށް ރަހުނު އެއްބަސްވުމާއި ލޯނު އެއްބަސްވުމުގެ ދަށުން ލިބިގެންވާ ހައްގުތައް ބާތިލު ނުވާނެ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ. އޭގެ އިތުރުން، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެވުނު ގޮތަށް ފައިދާ ދައްކަމުން ނުދާ ނަމަ އަލުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ބީއެމްއެލްއަށް ހުށަހެޅޭނެ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައި ނިންމި ނިންމުމުން އެނގޭ ގޮތުގައި މުނިމާގެ ވިއްކާލަން ބީއެމްއެލްއިން ހަ މަހުގެ މުއްދަތެއް ދިން ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެތަން ވިއްކާލެވިފައި ނުވެ އެވެ.












