ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ އުސޫލު ހަރުދަނާކޮށް، ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަލުން ގެޒެޓު ކޮށްފި އެވެ.
މީގެ ތިން އަހަރު ކުރިން ފެބްރުއަރީ 2019 ގައި ފެށި މި ސްކީމަކީ ސަރުކާރުން ހަރަދުކުރާ ގޮތަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭން ހިންގާ ސްކީމެކެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ތަންފީޒުކުރެވުނު އެންމެ މުހިންމު އެއް ސިޔާސަތެވެ.
ފުތަމަ ޑިގްރީ ސްކީމުގެ އާ އުސޫލުގައިވާ ގޮތުން އެ ސްކީމުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބޭނީ, ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވާތާ 18 މަސް ފާއިތުވުމުގެ ކުރިން އެކަމަށް އެދުމުންނެވެ. އެފަހުން އެދިއްޖެނަމަ, ކުރިން ކިޔެވި ބަޔަށްވާ ފައިސާއެއް ސަރުކާރުން ރީފަންޑެއް ނުކުރާނެ އެވެ.
މީގެ ކުރިން އޮންނަ ގޮތުން ނަމަ, ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވާ ދަރިވަރަކަށް ދެ އަހަރު ވަންދެން ކޯސް ޑިފާ ކުރެވޭނެ އެވެ. އަދި, ދަރިވަރު ކޯސް ދޫކޮށްލީ ކަމަށް ބަލާނީ ދެ އަހަރު ފަހުންނެވެ. ނަމަވެސް, މިހާރު ވަނީ ޑިފާ ކުރެވޭ މުއްދަތު 12 މަސް ދުވަހަށް ކުރުކޮށްފަ އެވެ. އެހެންކަމުން, ކޯސް ޑިފާކޮށްގެން އެއް އަހަރު ދުވަސް ވެއްޖެނަމަ, އެ ދަރިވަރަކު ކޯސް ދޫކޮށްލީ ކަމަށް ނިންމާނެ އެވެ. އެ ހާލަތުގައި ޖެހޭނީ, ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ދައްކާށެވެ.
ފުރަތަމަ ޑިގްރީ ސްކީމުގެ އާ އުސޫލުގެ ދަށުން ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ދެނީ މިނިސްޓްރީއަށް ހުށަހަޅާ ޕްލޭސްމަންޓް ލެޓާގައި ކޯސް ނިމޭނެ ކަމަށް ބުނާ ތާރީހުގެ އިތުރުން ގިނަވެގެން 18 މަސް ދުވަހެވެ.

އެ ސްކީމުގައި އެންރޯލްވެފައިވާ ދަރިވަރުންގެ ތެރެއިން ޕްލޭސްމަންޓް ލެޓާގައި ކޯސް ނިމޭނެ ކަމަށް ބުނާ މުއްދަތު މިހާރު ފާއިތުވެ, ކޯސް ނުނިމި ތިބި ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބެނީ މި އުސޫލު ގެޒެޓު ކުރާތާ އެއް އަހަރު ވަންދެނެވެ.
އޭގެ އިތުރުން ވެސް ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލަށް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެ ބަދަލުތަކުގެ ތެރޭގައި, ދަރިވަރު ކިޔަވާ ޕްރޮގްރާމު ބަދަލު ކުރުމާއި, ކިޔަވައިދޭ މަރުކަޒު ބަދަލު ކުރުމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައެޅުން ހިމެނެ އެވެ.
މި ސްކީމުގެ ދަށުން ކޯސް ފީ ފިޔަވައި އެހެން ކަންކަމަށް ފަންޑު ނުކުރާނެ ކަމަށް ވެސް އާ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގްރެޖުއޭޝަން ފީ, އެޑްމިޝަން ފީ، އެގްޒަމިނޭޝަން ފީ ނުވަތަ އެޑްވާންސްޑް ސްޓޭންޑިން ލިބިފައިވާ މޮޑިއުލްތަކާއި، މޮޑިއުލް ރިޕީޓްކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ހަމައެއާއެކު, ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މެއި 10, ގައި ގެޒެޓުކުރި އެ އުސޫލުގައި ވަނީ މިނިސްޓްރީގެ ޒިންމާއަށް ވެސް ބަދަލު ގެނެސްފަ އެވެ. ކުރިން އޮންނަ ގޮތުން ނަމަ އޮންލައިންކޮށް ދަރިވަރު ހުށަހަޅާ އެޕްލިކޭޝަނުގައި މައުލޫމާތު ފުރިހަމަކަން ނުވަތަ ނޫންކަން ރަސްމީ ތިން ދުވަހުގެ ތެރޭގައި ދަރިވަރަށް އެކަން އަންގަން ޖެހެ އެވެ. ނަމަވެސް, މިހާރު ވަނީ އެ މުއްދަތު ރަސްމީ 10 ދުވަހަށް އިތުރުކޮށްފަ އެވެ.
ކުރިން އޮންނަ ގޮތުން ދަރިވަރުގެ ފަންޑް ރިކުއެސްޓް ފޯމުގައިވާ މައުލޫމާތު ފުރިހަމަނަމަ ފައިސާ ދޫކުރުަށް ރަސްމީ 10 ދުވަހުގެ ތެރޭގައި ކަމާގުޅޭ ލިޔުންތަކާއެކި ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހެ އެވެ. ނަމަވެސް, އާ އުސޫލުގައި ވަނީ އެ މާއްދާ އުނިކޮށް, "ފައިސާ ލިބުމަށް ޝަރުތު ހަމަވާ ދަރިވަރުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދޫކުރަމުން ގެންދިއުން" މިފަދައިން ބުނާ މާއްދާއެއް އިތުރުކޮށްފަ އެވެ.
ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތަށް އައި ބަދަލު
ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ހަރުކަށި ކޮށްފައިވަނީ, އެ ސްކީމުގެ ދަށުން ކިޔަވަން ސަރުކާރުން ފައިސާ ހަރަދު ކުރުމަށްފަހު އެ ފައިސާ އަނބުރާ ދައްކަން ޖެހިއްޖެ ހާލަތްތަކުގައި އަމަލުކުރާ ގޮތެވެ. އެގޮތުން, ފައިސާ އަނބުރާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ވަނީ ކުރުކޮށްފަ އެވެ.
ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތަށް ގެނައި ބަދަލު:
- 25,000 އަށްވުރެ މަދު: ކުރިން 30 މަސް, މިހާރު 24 މަސް
- 25,000 - 49,999: ކުރިން 38 މަސް, މިހާރު 30 މަސް
- 50,000 - 99,999: ކުރިން 53 މަސް, މިހާރު 42 މަސް
- 100,000 - 199,999: ކުރިން 66 މަސް, މިހާރު 48 މަސް
- 200,000 - 299,999: ކުރިން 105 މަސް, މިހާރު 84 މަސް
އަނބުރާ ދައްކަންޖެހޭ އަދަދު ތިން ލައްކައަށްވުރެ އިތުރު ނަމަ ކުރިން އެ ފައިސާ ދައްކަން ޖެހެނީ 150 މަސް ދުވަހުގެ ތެރޭގަ އެވެ. އެއަށްވުރެ ބޮޑެތި އަދަދުތަކެއް ކުރީގެ އުސޫލުގައި ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް, އާ އުސޫލުގައި ފަސް ލައްކައާ ހަމައަށް އަނބުރާ ދައްކަން ޖެހޭ މުއްދަތު ކަނޑައަޅަފައި ވެއެވެ. އެގޮތުން:
- 300,000 - 399,999: މިހާރު 120 މަސް (10 އަހަރު)
- 400,000 - 499,999: މިހާރު 144 މަސް (12 އަހަރު)
- 500,000 އަށްވުރެ އިތުރު ނަމަ: 180 މަސް (15 އަހަރު)
އޭގެ އިތުރުން ފައިސާ އަނބުރާ ނުދައްކައިފިނަމަ, މިނިސްޓްރީން އިއުލާންކުރާ މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ނުދިނުމާއެކު ޝަރުއީ ފިޔަވަޅު އެޅުމުގެ ފުރުސަތު އާ އުސޫލުން ވަނީ ފަހިކޮށްދީފަ އެވެ.











