މުދާ ބަރުކޮށްގެން މާލެއިން އިއްޔެ ފުރި ދޯންޏެއް ގެއްލިގެން ހޯދަނިކޮށް އޭގެން ދަތުރު ކުރި ދެ ފަޅުވެރިއަކު ކަނޑުގައި އޮއްވައި ލޯންޗަކުން މިއަދު ސަލާމަތްކޮށްފި ކަމަށް ސިފައިން ބުނެފި އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ބުނީ ސަލާމަތް ކުރި ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށެވެ. އިތުރު ތަފުސީލެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ސިފައިން އިއްޔެ ބުނީ ގެއްލުނީ ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށްފަހު، އެރަށުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރި "ޖަންބޯ" ދޯނި ކަމަށެވެ. އޭގައި ތިބީ މިއަދު ފެނުނު ދެ ފަޅުވެރިން އެކަންޏެވެ.
އެ ދޯނި ގެއްލިގެން ރިޕޯޓު ކުރީ އިއްޔެ އެވެ.
"ޖަންބޯ" އަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެވެ. އެ ދޯންޏާ ވަައްތަރު ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލު ބޭރުން ފެނުނު ކަމަށް އިއްޔެ ބަޔަކު ރިޕޯޓު ކުރި އެވެ.













