ދ. މީދޫ މަސްދޯޏެއްގައި ބަންގްލަދޭޝްގެ މުހައްމަދު ޝާހީން ކިޔާ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އެ ގައުމުގެ މުހައްމަދު މަސްއޫދުގެ ޝަރީއަތުގެ އަޑުއެހުމެއް ގާތްގަނޑަކަށް ދެ އަހަރު ފަހުން މިއަދު ބާއްވައިފި އެވެ.
މާޗު 7، 2021 ވަނަ ދުވަހުގެ ދަންވަރު 3:45 ހާއިރު ދ.މީދޫ "ޖިހާދު" ދޯނި މަސްބޭނުމަށް ކ. ގުރައިދޫ މަސްބޮޔަށް ދިއުމަށް ދުއްވަމުން ދަނިކޮށް، އެ ދޯނީގައި މަސައްކަތްކުރަމުން ދިޔަ ޝާހިން އަށް ވަޅިން ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.
އެ މައްސަލައިގައި މެއި 5، 2021 ގައި ދައުވާކޮށްފައި ވަނީ އޭނާއާ އެކު އެ ދޯނީގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. މުހައްމަދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާ ހުރީ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.
އެ މައްސަލައާ ކުރިން ހަވާލުވި ފަނޑިޔާރު ބަދަލުވެ، މައްސަލަ ފަނޑިޔާރު އިބްރާހިމް އިހުސާންއާ ހަވާލު ކުރި ފަހުން ކްރިމިނަލް ކޯޓުން ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިއަދު ހެނދުނު އެވެ. މިއީ މެއި 20، 2021 ގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވި ފަހުން ބޭއްވި ފުރަތަމަ އަޑުއެހުމެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު މުހައްމަދަށް ދީފަ އެވެ. އެކަމަކު، އޭނާގެ ވަކީލު އަހުމަދު ޝިފާއު ވިދާޅުވީ، ޖަވާބުދާރީވާން ބޭނުންވަނީ ދެން އަންނަ އަޑުއެހުމެއްގައި ކަމަށެވެ.

މުހައްމަދު ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމާއި މައްސަލަ ދިގުލައިގެން ގޮސްފައިވާކަން ގާޒީ މިއަދު ފާހަގަކުރެއްވި އެވެ. އެހެންވެ، އޭނާ ވިދާޅުވީ ވީހާ ވެސް އަވަހަށް މައްސަލަ ތާވަލުކޮށްގެން ކުރިއަށްގެންދަން ބޭނުންވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ކޯޓުގެ އިމާރާތުގެ ޖާގައިގެ ދަތިކަމާ ހެދި ދެން އަޑުއެހުމެއް ބޭއްވޭނެ ސީދާ ތާރީހެއް މިއަދު ބުނަން ނޭނގުނަސް، މި މަހުގެ ފަހު ހަފްތާގައި އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެ އަޑުއެހުމުގައި ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރުމާ ގުޅޭގޮތުން ގޮތް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުހައްމަދުގެ އެއްވެސް ޝަކުވާއެއް އޮތްތޯ ގާޒީ ސުވާލުކުރެއްވުމުން ތަރުޖަމާނުގެ އެހީގައި އޭނާ ބުނީ ސިއްހީ މައްސަލަތަކެއް އުޅޭތީ ޑޮކްޓަރަށް ދެއްކުމުން ފަސް ވަރަކަށް ޓެސްޓު ހަދަން އަންގާފައިވާ ކަމަށެވެ. އެކަމަކު، އަދި އެ ޓެސްޓުތައް ހެދުމުގެ އިންތިޒާމު ހަމަނުޖެހޭ ކަމަށް ބުންޏެވެ.
މުހައްމަދުގެ ދިފާއީ ވަކީލަށް ގާޒީ އެންގެވީ، ބޭސްފަރުވާގެ ކަންކަން ކަރެކްޝަންސްގެ އޮންނަ އުސޫލުތަކުގެ ތެރެއިން ބެލުމަށްފަހު މައްސަލައެއް އުޅޭ ނަމަ ޕީޖީ އޮފީހާ ހިއްސާކޮށް، އެ އޮފީހުގެ ބަހަކާއެކު ކޯޓަށް ހުށަހެޅުއްވުމަށެވެ.
ދައުލަތުން މުހައްމަދުގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން ޝާހީންއަށް ހަމަލާ ދީފައި ވަނީ މުހައްމަދުގެ އަތުގައި އޮތް، ތިލައިގައި ހަ އިންޗު ހުރި ކަޅުކުލައިގެ މުއްގަނޑުލީ ވަޅިއަކުނެވެ. އަދި ހަމަލާ ދީފައި ވަނީ ޝާހީންގެ ކަނާތް ފަރާތު އަރިކަށްޓަށެވެ. އެހެންނަމަވެސް، އޭނާއަށް ހަމަލާދިން ސަބަބެއް އަދި އެނގިފައި ނުވެ އެވެ.
ޝާހީން މަރުވި ހާދިސާ ހިނގީ، ދޯނީގައި އޮތް ވަލެއް އެއްގަމަށް ބޭލުމާ ގުޅިގެން އަމަލު ކުރި ގޮތަކުން އެ ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއް ފަހުން ހޫނުވެގެންނެވެ. ތަހުގީގުގައި މުހައްމަދު ދިފާއުވެ ބުނެފައި ވަނީ އެކަން ކުރެވުނީ އޮޅިގެން ކަމަށެވެ.












