ސެކްރެޓަރީ ޖެނެރަލަކު ނެތް 38 ރަށު ކައުންސިލަކަށް އެ މަގާމުތަކަށް ބޭނުންވާ މީހުން ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން، އެ މަގާމަށް މީހުން އައްޔަނުކުރަނީ އެ ކައުންސިލެއްގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންނެވެ. ސީއެސްސީން ކުރި އިއުލާނެއްގައި ބުނީ މި މަގާމަށް މީހުން އައްޔަން ކުރާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ.
ދެ ރޭންކަކުން އެސްޖީއިން ނެގުމަށް ހަމަޖެހިފައިވާއިރު އެންމެ މަތީ ރޭންކުގެ އެސްޖީއެއްގެ މުސާރައަކީ އަސާސީ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސާއެކު 16،100ރ. އެވެ. ދެވަނަ ރޭންކުގެ އެސްޖީއިންގެ މުސާރައަކީ 15،285ރ. އެވެ.
އެ މަގާމަށް ނަގާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކާއ ވަޒީފާގެ މަސްއޫލިއްޔަތުތައް ސީއެސްސީގެ އިއުލާނުގައި ލިޔެފައިވެ އެވެ.
އެ މަގާމަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ މެއި 17، ވަނަ ދުވަހުގެ 14:00 ގެ ކުރިން ސީއެސްސީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@csc.gov.mv މެދުވެރިކޮށް ބަލައި ގަނެވޭނެ ކަމަށް އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނެ އެވެ.

މިހާރު ގިނަ ރައްރަށުގެ ކައުންސިލަށް އެސްޖީއިން އައްޔަންކޮށްފައިވާއިރު، މި މަގާމަށް މީހުން އައްޔަންކުރުމަށް ކައުންސިލުގެ އެއްވެސް ލަފައެއް ހޯދާކަށް ނުޖެހެ އެވެ. މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި މި އިސްލާހު ގެނައުމުގެ މަގުސަދަކީ ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވީހާވެސް ބޮޑަކަށް ހުޅުވާލައި، ސިޔާސީ މަސްލަހަތުން އެކަހެރިވެ، ވަކި ބަޔެއްގެ ނުފޫޒުން އެއްކިބާވެފައިވާ މީހަކު އެ މަގާމަށް އައްޔަނުކޮށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމެވެ.












