ރާއްޖޭގައި ގިނައިން އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބަލިތައް ޖެހި، އަލައިގެ ދަނޑުވެރިކަން ދަށްވުމުން އެކަމަށް ހައްލެއް ހޯދަން ކެންޔާއިން ގެނައި މުޑުވައް އިންދައިގެން މިހާތަނަށް ލިބޭ ތަޖުރިބާ ރަނގަޅު ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި އަލަގަސްތަކަށް ޖެހެނީ ކޮން ބައްޔެއްކަން ދެނަގަތުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ކުރި ސާވޭއިން އެނގިފައިވާ ގޮތުގައި އެއީ "ޓާރޯ ލީފް ބްލައިޓް" ނަމަކަށް ކިޔާ ބައްޔެކެވެ. އެހެން ބައެއް ގައުމުތަކުގެ ތަޖުރިބާއިން އެނގިފައިވާ ގޮތުގައި އަލަ ގަސްތަކަށް އެބަލި ޖެހެން ފެށުމުން އޮންނަ އެންމެ ރަނގަޅު ހައްލަކީ އަލައިގެ އެެހެން މުޑުވަކެއް ހޯދުމެވެ. ކެންޔާއިން އަލައިގެ އާ މުޑުވަކެއް ގެނައީ އެހެންވެ އެވެ.
ކެންޔާއިން ގެނައި އަލައިގެ މުޑުވައް ސެޕްޓެމްބަރު، 2020، ގައި ފަސް ރަށަކަށް ފޮނުވި އެވެ. ކެންޔާ މުޑުވައް އޭރު ފޮނުވީ ފުވައްމުލައް، ގދ. ވާދޫ، އަދި އެ އަތޮޅު ގައްދޫ، ފިޔޯރީ އަދި ހޯޑެއްދުއަށެވެ. އަޖުމަ ބެލުމުގެ ގޮތުން އެ ރަށްރަށަށް ފޮނުވި ކުރިތަކުގެ އިތުރުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ހދ. ހަނިމާދޫގައި ވެސް އެ މުޑުވައް އިންދި އެވެ.
އެ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެެޓަރީ އަދި ދަނޑުވެރިކަމުގެ މާހިރު ޑރ. އާމިނަތު ޝާފިއާ ވިދާޅުވީ މިނިސްޓްރީން ހަނިމާދޫގައި އިންދި ގަސްތައް އަންނަނީ ވަރަށް ރަނގަޅަށް ހެދުމުންނެވެ.
"އަޅުގަނޑުމެން ހަމަ އެބަ ގެންގުޅެން އޭގެ ސްޓޮކް ހަނިމާދޫގައި ވެސް. ހަނިމާދޫގައި ހަަމަ ރަނގަަޅަށް އެބަ ހެދޭ އޭއްޗިހި،" ޝާފިއާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ގަސްތަކުން އަދި އަލައެެއް ނުފައިބަ އެވެ. ކެންޔާ މުޑުވައް އެެހެން ރަށްރަށުގެ ދަނޑުވެރިންނަށް ދޫކުރާނީ އޭނާ ވިދާޅުވި ގޮތުގައި އަލަ ފޭބުުމުން، ނަތީޖާއަށް ބެލުމަށް ފަހުގަ އެެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މުޑުވައް ފުރަތަމަ ފޮނުވި ފަސް ރަށުން، އެ ގަސްތައް ހެދޭ ގޮތުގެ ރިޕޯޓް އަދި ފޮނުވާފައި ވަނީ އެއް ފަހަރު އެވެ. އެ ރިޕޯޓްތަކުގައިވާ ގޮތުން އެ ރަށްރަށުގައި ވެސް ގަސްތައް ރަނގަޅަށް ހެދެމުން އާލާވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













