ތިރީސް މީހުންނާއެކު ދ. މީދޫ އަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ލޯންޗު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ލޯންޗު މިހާރު ފ. މަގޫދޫއާ ދިމާއިން އަތޮޅަށް ވަނުމަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
"މީހުންގެ ހާލު ރަނގަޅު. ކޯސްޓުގާޑުގެ ހާބަ ކްރާފު ކުޑަ އިރުކޮޅެއްގެ ތެރޭގައި ލޯންޗާ ކައިރިކުރެވޭނެ،" އެމްއެންޑީއެފުން ބުންޏެވެ.
އެ ލޯންޗަށް ފުރަތަމަ ދިމާވި މައްސަލައަކީ ރާޅެއް އަރައިގެން ލޯންޗަށް ލިބުނު ގެއްލުންތަކާއެކު ދިޔަވާން ފެށުމެވެ. އެހެންވެ، އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ލޯންޗު އޮތް ސަރަހައްދު ގެއްލުނީ ލޯންޗާ މުއާސަލާތީ ހިދުމަތް މެދުކަނޑުމުންނެވެ.
ލޯންޗަށް ރާޅު އަރައި ހާލުގައި ޖެހުނު ހާދިސާ ހިނގި ގަޑިއެއް އަދި ނޭނގެ އެވެ. ސިފައިން ބުނި ގޮތުގައި އެކަން ހިނގީ ފ. ފީއަލީގެ ގާތްގަނޑަކަށް ހަތް ނޯޓިކަލް މޭލު ބޭރުންނެވެ.

ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުމުން އެ ސަރަހައްދާ ކައިރީގައި އޮންނަ ފ. ފިލިތެޔޮ ރިސޯޓުން ދޯންޏެއް އަދި ފ. ފީއަލިން ދޯންޏަކާއި ލޯންޗެއް ވެސް ފުރި އެވެ.
މި ދުވަސްވަރު މޫސުން ގޯސްވެ، ކަނޑުގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން ވަނީ ބުނެފަ އެވެ. އަދި ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.












