މާލެއިން ފުރައިގެން ދ. މީދުއަށް 30 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ރާޅެއް އަރައި ދިޔަވާތީ ލޯންޗު ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ، މާލެއިން ފުރައިގެން މީދުއަށް ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ރާޅެއް އަރައިގެން މެރިޓައިމް ރެސްކިއު އެންޑް ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އިން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ލޯންޗުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 30 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހާދިސާ ހިނގި ގަޑިއެއް އަދި ނޭނގޭއިރު، ސިފައިން ބުނީ އެކަން ހިނގީ ފ. ފީއަލީގެ ގާތްގަނޑަކަށް ހަތް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުމުން އެ ސަރަހައްދާ ކައިރީގައި އޮންނަ ފ. ފިލިތެޔޮ ރިސޯޓުން ދޯންޏެއް އަދި ފ. ފީއަލިން ދޯންޏަކާއި ލޯންޗެއް ފުރާފައިވެ އެވެ. އޭގެ އިތުރުން ކޯސްޓް ގާޑުގެ ހާބާ ކްރާފްޓެއް ވެސް އެ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް ބުންޏެވެ.

އެހެންނަމަވެސް، އެމްއެންޑީއެފްގެ އޮފިޝަލަކު ބުނީ، މިހާރު ލޯންޗާ މުއާސަލާތު ނުކުރެވޭ ކަމަށެވެ. އަދި ލޯންޗު އޮތް ތަނެއް ސީދާ ނޭނގޭ ކަމަށެވެ.












