މިރޭގެ މެންދަމާ ހަމައަަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޮޖީ ސާވިސް އިން ޔެލޯ އެލާޓް ނެރެފި އެވެ.
މިރޭ 8:30 އިން ފެށިގެން މެންދަމުން އަލިވެ 12:30 އާ ހަމައަށް ޔެލޯ އެލާޓް ނެރުނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ.
އެ އެލާޓްގައިވާ ގޮތުން އެ ސަރަހައްދަށް އާންމު ގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިބާރުވާނެ ކަމަށް ވެސް އެ އެލާޓްގައި ލަފާކޮށްފައި ވެ އެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި ކުރި މައުލޫމާތުގައިވާ ގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ، ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

މި ދެ ދުވަހު ވެސް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅު ތަކަށް އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ވާރޭ ވެހި ފެންބޮޑުވެގެން ލިބިދާނެ ގެއްލުންތައް ކުޑަކުރަން މަސައްކަތްކުރަން އެ އިދާރާއިން އިލްތިމާސް ކުރެ އެވެ.












