އެމްއެމްޕީއާރްސީ މެދުވެރިކޮށް، ވ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސާބިތު ކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ.
ދައުލަތުގެ ހެކިތައް ބަލައިގަތުމަށް އަދި ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ޔާމީންގެ ފަރާތުން މީގެ ކުރިން ހައި ކޯޓަށް ގެންދިޔަ ނަމަވެސް އެ ކޯޓުން ވަނީ އެ ނިންމުންތައް ދަމަހައްޓައިފަ އެވެ. ހައި ކޯޓުގެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އެޕްރީލް 25, ގަ އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ކޯޓުން ތާވަލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ 12:45 އަށެވެ.
ހެކިތަކާ ގުޅޭ މައްސަލަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފަށާއިރު، އެ ދުވަހު ކްރިމިނަލް ކޯޓުގައި ޔާމީންގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ބާއްވާން ވެސް ހަމަޖެހިފައިވެ އެވެ.
ފުއްގިރީގެ މައްސަލައިގައި ދެން ދައުވާކޮށްފައި ވަނީ މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށެވެ.

އެ ދައުވާތަކާ ގުޅޭ ހެކިތަކާ ދަށު ކޯޓުން ނިންމި ބައެއް ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އޭގެ ތެރޭގައި އެ ދެ ފަރާތުން އެދިފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ހިމެނެ އެވެ. ހައި ކޯޓުން އެ މައްސަލާގައި ވެސް ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ނިންމާފައިވާއިރު އެ ނިންމުންތައް ވެސް ދިފާއުން އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު ދީފައިވާ ޔާމީން މިވަގުތު ހުންނެވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖަލުގަ އެވެ.












