ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުކުންނަވައިފި އެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.
އިޓްލޮސް އިން މިދިޔަ ހުކުރު ދުވަހު ނިންމި ނިންމުމުގައި ވަނީ ދެ ގައުމުން 200 ނޯޓިކަލް މޭލު ނެގުމުން، ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.
މި މައްސަލައިގައި ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އަންނަ އިރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޓްލޮސްގެ ހުކުމަކީ ރާއްޖެއަށް އިގްތިސޯދީ ނަފާ ހޯދުމަށް ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދު ހޯދުމަށް އޮތް ރަނުގެ ފުރުސަތު ގެއްލިގެންދިޔަ ހުކުމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ ދިވެހިން ޒަމާނުއްސުރެ ގެންގުޅެމުން ދިޔަ ސްޓޭންޑް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީއަކުން ބަދަލުކުރުމުން ކަން އެނގޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"މި އަމަލަކީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ތިން ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ހިލާފަށް ކުރެއްވެވި އަމަލަކަށް ނުވޭތޯ އެވެ،" ގާސިމް ސުވާލު އުފައްދަވައިފައިވެ އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަރަޙަައްދުން އެންމެ "ކޮޑި އިންޗިއެއް" ވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރާނެ ކަމަށާއި އެ ސަރަހައްދު އަނބުރާ ހޯދަން ދިރާސާ ކުރައްވައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
މައްސަލައިގެ ފަސްފަހަތް؛
ޗާގޯސް އަކީ މޮރިޝަސްގެ ބައެެއްގެ ގޮތުގައި ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ބޯޑަރު ކަނޑައަޅަން އިޓްލޮސް އިން ނިންމުމަކީ ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އިޓްލޮސް އިން އެއްބަސްވުމެވެ. މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި ރާއްޖޭން ދެކޮޅު ހެދީ ވެސް ހަގީގަތުގައި އެކަމާ އެވެ.
ރާއްޖޭގެ އޭރުގެ ސްޓޭންޑަކީ އިޓްލޮސް އަށް އެ މައްސަލަ ނުބެލޭނެކަމަށް ބުނުމެވެ. އެއީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އަރައިރުމެއް އޮތީމަ އެވެ. އެހެން ނަމަވެސް އިޓްލޮސް އިން ރާއްޖޭގެ އެ ނުކުތާ ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިޔައީ އެވެ. އެ ފަހުން ރާއްޖޭގެ އެ ސްޓޭންޑް ބަދަލުކުރި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބެން ޖެހޭ ކަމަށް އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް އަމަލުކުރަން ގޮވާލައި އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަހަރު ގަރާރެއް ފާސްކުރި އެވެ. އެގަރާރާ ދެކޮޅަށް އިނގިރޭސީންނާ އެކު ވޯޓު ދިނީ ރާއްޖެއާއި އެމެރިކާ، އޮސްޓްރޭލިއާ ހަންގޭރީ އަދި އިޒްރޭލުންނެވެ.
އިނގިރޭސީންގެ ދަށުން މިނިވަންވެ، މޮރިޝަސްގެ ދައުލަތް އުފެއްދި އިރު ވެސް އެގައުމުގެ ބަޔަކަށް ނުވެ އޮތް ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލް އަގުވާމީ އެކިއެކި ފޯރަމްތަކަށް ހުށަހެޅި އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެގައުމުން ހުށަހެޅި ހުށަހެޅުމަކީ އެފަދަ އެއް ހުށަހެޅުމެވެ.
އިމުގެ މައްސަލަ؛
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.
ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.
މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.












