ރާއްޖޭގެ ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 18.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ އަހަރީ ރިޕޯޓުގައި ވާގޮތުން އެ އަދަދަކީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު، 79 އިންސައްތައިގެ ކުރިއެރުމެކެވެ. ސަބަބެއް ކަމަށް ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އިތުރުވުމެވެ.
"ފާއިތުވި އަހަރު މި ކުންފުނިން ވިއްކި ތެލުގެ އަދަދުވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 27 ޕަސެންޓު އިތުރުވެފައިވުމެވެ. އެއީ އިތުރު މާކެޓް ޝެއާ ލިބި ވިއްކުނު ވޮލިއުމްވެސް އިރުވެގެނެވެ. ހަމަމިއާއެކު، ކުންފުނީގެ އެހެނިހެން ވިޔަފާރިތައްވެސް ވަނީ ކުރިއަރައި، އާމްދަނީ އިތުރުވެފަ އެވެ،" އެސްޓީއޯގެ ބަޔާނުގައިވެ އެވެ.
އާމްދަނީއަށް އައި ބޮޑު ކުރިއެރުމާއެކު އެސްޓީއޯއަށް މިދިޔަ އަހަރު ވަނީ ޖުމުލަ ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ކުރީ އަހަރު އެސްޓީއޯއަށް ޖުމުލަ ފައިދާގެ ގޮތުގައި ލިބުނީ 1.5 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން 2021 ވަނަ އަހަރާ އަޅާ ބަލާއިރު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނު އަދަދުން ވެސް ވަނީ 41 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ.
އޭގެއިތުރުން މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ކުންފުނިން ވަނީ ތާރީހުގައި ވެސް އަލަށް އޮޕަރޭޓިން ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޯދައި ރެކޯޑެއް ހަދައިފަ އެވެ. 2021، ގައި އޮޕަރޭޓިން ޕުރޮފިޓުގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 643 މިލިއަން ރުފިޔާ އެވެ.

އެއާއެކު ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 728 މިލިއަން ރުފިޔާ ރެކޯޑު ކުރެވިފަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 50 އިންސައްތައިގެ ކުރިއެރުމެކެވެ.
އެ ރިޕޯޓުގައި ވާގޮތުން އެވަރުގެ ބޮޑު ފައިދާއެއް އެސްޓީއޯއަށް މިދިޔަ އަހަރުވެފައި ވަނީ އެ ކުންފުނީގެ ވިޔަފާރިތައް ހަރުދަނާކުރެވި ފައިދާ އިތުރު ކުރެވިފައިވާތީ އެވެ.












