ގުރުއާން ކިޔެވުމާއި ހިތުދަސްކުރުމަކީ ހަމައެކަނި ރަން ވަނައެއް ހޯދަން ކުރާ ކަމަކަށް ނުހެދުމަށާއި ގުރުއާނުގެ އަހުލުވެރިއަކަށް ވާންވީ، އޭގެ ހިޔަލުގައި ދިރިއުޅުމުގެ ފިޔަވަޅުތައް އަޅަމުން ދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ އާއި އިސްލާމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ ގުޅިގެން ރޯދަ މަހު ބޭއްވި ރަންތާޖު މުބާރާތުގެ ވަނަތައް އިއުލާނުކޮށް އިނާމު ދިނުމަށް ޔޫތު ސެންޓަރުގައި ބޭއްވި ހަފުލާގައި ރައީސް ސޯލިހު ވިދާޅުވީ "ކީރިތި ގުރުއާން އުނގެނި ދަސްކުރަންވީ، އެ މަތިވެރި ފޮތުގެ ނޫރުން އަޅުގަނޑުމެންގެ ދެ ދުނިޔެ ހުޅުދާންކުރުމަށް" ކަމަށެވެ.
ރަންތާޖު ގުރުއާން މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު އެއް މުބާރާތް ކަމަށާއި ކީރިތި ގުރުއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން މި މުބާރާތުން އެނގިގެން ދިޔަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރަންތާޖު ހާސިލުކުރި މުހައްމަދު ސާއީ މުބާރިކްއާ ފައިސާގެ ރަމްޒީ ޗެކު ރައީސް ސޯލިހު ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: ރާއްޖެ ޓީވީ

"ކީރިތި ގުރުއާން ކިޔެވުމުގެ ހުނަރާއި ފަންނު ލިބިފައިވާ ވަރަށް ގިނަ ޒުވާނުން ވެސް ރާއްޖޭގައި އެބަތިބިކަން ސާބިތުވެއްޖެ. އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ. އޭރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ހާސިލުކުރާނެ އެތައް ގާރީންނަކާއި އެތައް ހާފިޒުންނެއް އަޅުގަނޑުމެންގެ ތެރެއިން އުފެއްދޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި މުބާރާތުގެ ބައެއް ބައިވެރިންނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭނެ ޒުވާނުން ކަމަށާއި އެފަދަ ޒުވާނުންނަށް އިތުރު ތަމްރީންނާއި ތަޖުރިބާ ދީ، ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުކުރުމަށް ވެސް ރައީސް ސޯލިހު ގޮވާލެއްވި އެވެ.
ގުރުއާނުގެ އިލްމާއި ގުރުއާންގެ ތަފްސީރު ވެސް އުނގެނި ދަސްކުރުމަކީ ހަޔާތަށް އާރޯކަމާއި ތާޒާކަން ފުރިހަމަ ގޮތުގައި ލިބޭނެ ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވެވި އެވެ.
"އެހެންކަމުން، އެ ދެ ދާއިރާގެ އިލްމު ފުޅާކުރުމަށް، ރާއްޖޭގައި ހިންގާ ޔުނިވަސިޓީތަކާއި ކޮލެޖްތަކުން ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.
ރަންތާޖު މުބާރާތުގެ އެއްވަނަ ހޯދީ ނ.ހޮޅުދޫ މުހައްމަދު ސާއީ މުބާރިކް އެވެ. ދެ ވަނަ ހާސިލްކޮށްފައިވަނީ ފާތިމަތު ތުގާ ހަލީމް އެވެ. ތިން ވަނަ ހޯދީ ޔައީޝް މުހައްމަދު ނިޔާޒެވެ.









