ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާއަށް ގދ. ތިނަދުއަށް ގެންގޮސްފި އެވެ.
މަސްވެރިކަމަށް ނުކުމެ އުޅެނު 'އޯޝަން ލައިފް' ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުނީ ތިނަދުއާ 31 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ.
އެމްއެންޑީއެފުން ބުނީ، ފަޅުވެރިޔާގެ ލޮލަށް ބުޅިއެއް ހެރުމުގެ ސަބަބުން އަވަސް ފަރުވާ ބޭނުންވާ ކަމުގެ މައުލޫމާތު ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު ހެނދުނު 9:55 ހާއިރު ކަމަށެވެ.
އެ ރިޕޯޓާއެކު ކޯސްޓްގާޑް ސްކޮޑްރަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި, އަނިޔާވި ފަޅުވެރިޔާ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފަ އެވެ.
ފަޅުވެރިޔާ ހޮސްޕިޓަލަށް ގެންދެވިފައި ވަނީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.














