ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެގައުމާ ދެމެދު ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން، އިއްޔެ ކަނޑައެޅި ކަނޑައެޅުމަކީ ރާއްޖޭން ބައެެއް ގެއްލުން ކަމަށް ސިފަކުރައްވައި، ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އެކަމާ ހިތާމަ ފާޅުކުރައްވައިފި އެވެ.
ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް އެގައުމުން ކުރާ ދައުވާއާ އެއްގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅި މައްސަލަ އެ ޓްރައިބިއުނަލުން ނިންމީ އިއްޔެ އެވެ. އިއްޔެގެ ހުކުމުން އިގުތިސާދީ ހާއްސަ ސަރަހައްދުގެ ގޮތުގައި މޮރިޝަސް އަށް ލިބުނު ސަރަހައްދުގެ އެއް ބަޔަކީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ކަމަށް ރާއްޖޭން ކުރިން ދައުވާކުރާ ސަރަހައްދެކެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މުނައްވަރު ސިފަކުރެއްވި ގޮތުގައި އެއީ "ގާނޫނަކުން ކަނޑައެެޅިފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު"ގެ ބައެކެވެ.
"ގާނޫނަކުން ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބެއް ނޫނެވެ. ހިތާމައެކެވެ. މިކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާކުރުވަން ޖެހޭނެ އެވެ،" ޓްވީޓްގައި މުނައްވަރު ވިދާޅުވި އެވެ.

އިޓްލޮސް އިން އިއްޔެ ނިންމި ނިންމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ކަމަށް ސަރުކާރުން ސިފަކުރަނީ ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން ކަނޑައެޅީ އިޓްލޮސްއަށް މޮރިޝަސް އިން ހުށަހެޅި ނުކުތާއަށް ބަލައިގެން ކަމަށް ނުވާތީ އެވެ.
އެ ޓްރައިބިއުނަލަށް މޮރިޝަސް އިން ހުށަހެޅީ ޗާގޯސްގެ އެންމެ އުތުރަށް އޮތް އަތޮޅުގައި، ހިކިހިދިޔައިގައި ނޫނީ ފެނުން މައްޗަށް ނުހިކޭ ގޮތަށް އޮންނަ ފަރަކާ ހިސާބުން މިން އަޅައިގެން އިން ކަނޑައެޅުމަށެވެ. އެކަމާ ދެކޮޅު ހަދައި ރާއްޖޭން ހުށަހެޅީ އެއަށް ވުރެ ދެކުނުގައި އޮތް އަތޮޅަކާ ހިސާބުން މިން އެޅުމަށެވެ.
އިޓްލޮސް އިން އިއްޔެ އިން ކަނޑައެޅީ ރާއްޖޭން ހުށަހެޅި ނުކުތާއިން މިން އަޅައިގެންނެވެ.












