ވަޒީރުންގެ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް ފެށިގެން ކުރިއަށް އެބަ ދެ އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވީ, ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލަ ރާއްޖޭން ބޭނުންވި ގޮތަށް ނިމިގެން ދިޔުމުން ކަމަށެވެ.
"ރާއްޖޭގެ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި ރާއްޖޭގެ އިން ހުރިހާ ގޮތަކުން ފުރިހަމައަށް ކަށަވަރުވެގެން އެ ދިޔައީ. އެކަން ނިމިގެން ދިޔައީ ރާއްޖޭން ހުށަހެޅިތަށް ކަމަށް ވެފައި، އެ ކާމިޔާބު ލިބިގެން ދިޔުމުން ރައީސް ބޭނުންފުޅުވީ ކެބިނެޓާ ބައްދަލުކުރެއްވުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ފެށީ ގާތްގަނޑަކަށް އިރުއޮއްސި 6:30 ހާއިރު އެވެ. އެ ބައްދަލުވުން މިހާރު ވެސް ކުރިއަށް އެބަދެ އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން އާންމުކޮށް ބާއްވަނީ ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު އެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. މިއަދުގެ މައްސަލަ ނިމުމާއެކު އޭގެތެރެއިން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބިގެން ދިޔައިރު، މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ.











