ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ތައާރަފްކުރާ ރާއްޖޭގެ ފުރަތަމަ ލަގްޝަރީ އެއާލައިން، "ބިއޮންޑް އެއާލައިން" އަށް ކެބިންކުރޫއިން ހޯދަން އޯޕަން ޑޭއެއް ބޭއްވުމަށް ނިންމައިފި އެވެ.
އެ އެއާލައިނުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާ އޯޕަން އިންޓަވިއު އޮންނާނީ މާދަމާ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމައަށް، އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ހަތަރު ވަނަ ފަންގިފިލާގަ އެވެ.
އިންޓަވިއުއަށް ހާޒިރުވާއިރު ސީވީ، ތައުލީމާއި ތަޖުރިބާ އަންގައިދޭ ސެޓްފިކެޓްތަކުގެ އިތުރުން ފަހުގެ ފޮޓޯއެއް ހިފައިގެން ދިއުމަށް ވަނީ އެދިފަ އެވެ.
ކެބިންކްްރޫގެ ޝަރުތު
- އުމުރުން 21 އަހަރު ފުރިފައިވުން
- އިނގިރޭސިން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން
- ހައިސްކޫލު ނިމިފައިވުން/ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ސެޓްފިކެޓެއް އޮތުން
- ކަސްޓަމާ ސާވިސް ދާއިރާއަކުން ތަޖުރިބާ ހުރި ނަމަ އިސްކަން ދެވޭނެ
- ގުޅިގެން މަަސައްކަތްކުރެވޭނެ މީހަކަށް ވުން
އެ އެއާލައިނުން ބުނީ އަމާޒަކީ މެހެމާނުންނަށް އެންމެ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށާއި، އަދި މި ވަޒީފާއަށް ހޯދަނީވެސް ފެންވަރު ރަނގަަޅު ހިދުމަތެއް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެވޭނެ ޒުވާނުން ކަމަށެވެ.
ބިއޮންޑް އެއާލައިނަކީ މޮޑާން ދަތުރުވެރިންނަށް ހާއްސަކޮށްގެން ފަށާ ދުނިޔޭގެ ފުރަތަމަ ލަގްޝަރީ އެއާލައިނެވެ. އެ އެއާލައިނުގެ ދަތުރުތައް މިއަހަރުގެ ތެރޭގައި ޗައިނާ، ޔޫއޭއީ، ސައުދީ އަރަބިއާ، ޔޫރަޕް ފަދަ މަންޒިލްތަކަށް ފަށާނެ އެވެ.

ޔޫއޭއީގެ އަރަބޭސްކްއާ ގުޅިގެން ސިމްޑީން ފަށާ މި އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާފައިވާ މަސައްކަތެކެވެ. އަރަބޭސްކަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެކެވެ.












