މޫސުން ގޯސްވެ، މެދުރާއްޖެތެރެއަށް މިރޭ ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމަލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދަށެވެ. އެގޮތުން މިރޭ 8:05 އިން މެންދަމު 1:00 އާ ހަމައަށް ބާރަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެވަގުތުތަކުގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނާއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ތަންތަނުގައި ވަނީ ފެންބޮޑުވެފަ އެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފަދަ ތަންތަނުގައި ފެންބޮޑުވެ، ފެންހިއްކަން ޖެހިފައިވާކަން ފާހަގަކޮށްލެވެ އެވެ.
މިރޭ މާލެ ހިމެނޭ ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއަދު މެންދުރު މާލޭގައި އާދަޔާހިލާފަށް ހޫނުގަދަވެ، ހަކަތަ ބޭނުންކުރި މިންވަރު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.
މި ހިނގަމުންދާ އޭޕްރީލް މަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ދުވަސްވަރު ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އިހުސާސް ކުރެވޭ ހޫނުމިން ހުންނާނީ 40 ޑިގްރީގައި ކަމަށް ސަރުކާރުން ބުނެ އެވެ.

އެހެން ނަމަވެސް، މިފަހަކަށް އައިސް އަވަސް އަވަހަށް މޫސުން ބަދަލުވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.













