ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން އަންނަ ހުކުރު ދުވަހު ގޮތެއް ނިންމުމަށް ތައްޔާރުވެއްޖެ އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމުން މިމަހުގެ 28 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. މި މައްސަލާގައި ރާއްޖޭގެ ފަރާަތުން ވަކާލާތުކުރައްވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އެވެ.
ޗާގޯސް މައްސަލައިގެ ގޮތެއް ނިންމުން ތާވަލުކޮށްފައިވާއިރު، ދާދި ފަހުން ވަނީ ސަރުކާރާ މޮރިޝަސްއާ ދެމެދު ސިއްރު ޑީލެއް ހަދަމުންދާކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.
މައްސަލައިގެ ފަސްފަހަތް؛
މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާއި އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.
މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުންނެވެ.
2019 ވަނަ އަހަރު ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި އދ. ގައި ކުރިއަށް ގެންދިޔަ ގަރާރާ ދެކޮޅަށް ރާއްޖޭން ވޯޓު ދިނުމަށް ނެގި ސްޓޭންޑު އޭގެ ކުރިން 2010 ވަނަ އަހަރުގެ ޔައުމިއްޔާއަކުން ބަދަލުވާނެ ކަން ގަބޫލުކުރުމަށް ޖާގައެއް ނޯންނާނެ ކަމަށް ޝަހީދު ވިދާޅުވި.
ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.













