މިއަދު ފާހަގަކުރާ ފިތުރު އީދުގެ މުނާސަބަތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ދިރާގުން އީދު ބޯކިބާ އަދި އީދު ހަދިޔާ ބަހައިފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިއަދު ހެދުނު އީދު ނަމާދަށްފަހު ކުރިއަށް ގެންދިޔަ އެ ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ ހަރަކާތް ކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ. އެއީ މާލޭގައި މާލެ ސިޓީ ކައުންސިލް އަދި ހުޅުމާލޭގައި އާބަންކޯއާ ގުޅިގެން އެކުންފުނިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
"ފިތުރު އީދު ފާހަގަކުރުމަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވެ ޝާމިލްވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިފަދަ އިޖްތިމާއީ ހަރަކާތްތަކުގެ ޒަރިއްޔާއިން އޯގާތެރިކަން ފެތުރުމާއި އިޖްތިމާޢީ ރޫހު އެކި ފަރާތްތަކުގެ މެދުގައި އާލާކުރުމަކީ ދިރާގުން އަބަދުވެސް ޚާއްސަ ސަމާލުކަން ދޭ ކަމެއް،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި އެވެ.
ހެދުނު ނާސްތާ ބެހުމުގެ އިތުރުން ކޮންމެ އަހަރުކު ވެސް އީދު ދުވަހު ދިރާގުން ކުޑަކުދިންނަށް ބަހާ އީދު ހަދިޔާ ގިފްޓު ޕެކުވެ ވެސް މިއަދު ބެހި އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދި ކުރަން ކަމަށެވެ.












