މިއަދަކީ ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މިރޭ ބޭއްވި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މިއަދުގެ އިރުއޮއްސުނު ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށާއި އިސްލާމީ ހުރިހާ ގައުމެއްގައި ވެސް ޝައްވާލު މަހުގެ ހަނދު ފެންނާން ހުންނާނެކަން އިތުބާރު ހުރި ފަލަކީ އިލްމުން އެނގޭ ކަމަށެވެ. އަދި, ބައެއް އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާ ކަމުގެ މައުލޫމާތު ރަސްމީ ގޮތުން ލިބިފައިވާ ކަމަށެވެ.
މާދަމާ ހެނދުނު މޫސުން ތަންދޭ ނަމަ ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ކުޑަ އީދާ އެކު މާލެ ކައިރީގައި ތިބި ރަށްތައް ފުރި ގެސްޓުހައުސްތަކަށް ވަނީ ބާރުބޮޑުވެފަ އެވެ. މާލޭގައި ވެސް އީދު ފާހަގަކުރުމަށް އެކި ފަރާތްތަކުން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފަ އެވެ.
ހުކުރު ދުވަހަކީ ފިތުރު އީދު ދުވަހަށް ވުމާއެކު އެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު އަދި އާދިއްތަ ދުވަސް ވެސް ބަންދުވާނެ އެވެ.

ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުން ވަނީ މާދަމާއަކީ ފިތުރު އީދު ދުވަސްކަން އިއުލާނުކޮށްފަ އެވެ. އެގޮތުން, ސައުދީ އަރަބިއްޔާ އަދި އިންޑޮނޭޝިއާ ފަދަ ބޮޑެތި އިސްލާމީ އާބާދީތަކުން ވެސް ފިތުރު އީދު ފާހަގަކުރާނީ މާދަމާ އެވެ.













