އަންނަ ކުޑައީދު ދުވަހު އުރީދޫ އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މާލޭގައި އީދު ސައެއް ބާއްވަން ނިންމައިފި އެވެ.
އުރީދޫން ބުނި ގޮތުގައި އުރީދޫ އީދު ސައި ބާއްވަން ހަމަޖެހިފައިވަނީ އީދު ނަމާދަށްފަހު ކިންގް ސަލްމާން މިސްކިތް ކުރިމަތީގަ އެވެ.
"އުރީދޫ އީދު ސައި" ގެ ނަމުގައި ކުރކިއަށް ގެންދާ އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ބައްލަވައިގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ހަރަކާތަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި ގިނަބަޔަކު އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
އުރީދޫން ބުނި ގޮތުގައި އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުގެ ފިތުރު އީދުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދާ ގުޅޭ ހަރަކާތްތައް އެކުންފުނިން ކުރިއަށް ގެންދާނެ އެވެ.













