ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުކުރާ މީހަކާ ކުރިމަތިކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް އިންކާރު ކުރާނަމަ އަދި ހެކިބަސް ދިނުމަށް ދެކޮޅު ހަދައިފިނަމަ ތިން މަސް ދުވަހަށް ޖަލަށް ލެވޭ ގޮތަށް ހެއްކާ ބެހޭ ގަވާއިދު ސުޕްރީމް ކޯޓުން އާންމުކޮށްފި އެވެ.
މިއީ ހެކިބަސް ދޭން ދެކޮޅު ހަދާ މީހަކަށް މިފަދަ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ގަވާއިދަކުން ދިން ފުރަތަމަ ފަހަރެވެ.
މި އަހަރު އަމަލުކުރަން ފެށި ހެއްކާ ބެހޭ އާ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ހެކިބަސް ދިނުން ލާޒިމު ހާލަތްތައް ކަނޑައަޅައި ހެކިބަސް ދޭން އަންގާ މީހުން ހެކިބަސް ދޭން ދެކޮޅު ހަދައިފިނަމަ އަމަލުކުރަންވީ ގޮތުގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައި އާންމު ކުރަން ޖެހެ އެވެ.
ސުޕްރީމް ކޯޓުން މިއަދު އާންމުކުރި ގަވާއިދުގައި، ހެކިބަސް ދިނުން ލާޒިމު ކުރުމަށް ކަނޑައަޅާފައި އޮތް އިޖުރާއަތަކީ ހެއްކެއްގެ ގޮތުގައި ހުށަހެޅި މީހަކު ހާޒިރުކުރުމަށް މަސައްކަތް ކޮށްގެން ހާޒިރުނުވެއްޖެ ހާލަތެއްގައި، ކޮންމެހެން މުހިންމު ހެއްކެއް ގޮތުގައި ބަޔާންކޮށް ހާޒިރުކުރުމުގެ އަމުރަކަށް އެދިގެންނެވެ.
ހެކި ހުށަހެޅި ފަރާތުން އެފަދަ އަމުރަކަށް އެދުމުން، ހެކީގެ މުހިންމު ކަމުގެ މައްޗަށް ބަލައި އެފަދަ އަމުރެއް ނެރެދިނުމުގެ ބާރު ކޯޓަށް ދީފައިވެ އެވެ. އަދި, ކޯޓުން އެފަދަ އަމުރެއް ނެރުމުން ވެސް ކޯޓަށް ހާޒިރުނުވެއްޖެނަަމަ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރުމުގެ ބާރު ވެސް ދީފައިވެ އެވެ.

އަދި, ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހާގެ ދިރިއުޅޭ އެޑްރެސް ނޭނގޭ ހާލަތްތަކުގައި ކޯޓަށް ފިލައިގެން އުޅޭ މީހެއްގެ ގޮތުގައި ބަލައި އޭނާ ހޯދުމަށް އެ މީހެއްގެ ވަނަވަރު އާންމުކޮށް އިއުލާން ކުރުމުގެ ބާރު ވެސް ކޯޓަށް ދީފައިވެ އެވެ.
އޭގެ އިތުރަށް ހެކިބަސް ދިނުމަށް ހާޒިރުކުރެވޭ މީހާއާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމަށް އިންކާރު ކޮށްފިނަމަ އަދި ހެކިބަސް ދިނުމަށް ދެކޮޅު ހަދައިފިނަމަ ޝަރީއަތުގެ ނިޒާމާ ހިޔާފުވެއްޖެ ކަމަށް ކަނޑައަޅައި ކޯޓުތަކުގެ ގާނޫނުގައި އެ ކަމަށް އޮންނަ އަދަބު ދެވިދާނެ ކަމަށް ގަވާއިދުގައިވެ އެވެ.
ކޯޓުތަކުގެ ގާނޫނުގައި އޮންނަ ގޮތުން، ޝަރީއަތުގެ ނިޒާމާ ހިލާފުވާ މީހަކަށް ދެވޭ އަދަބަކީ ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ ގިނަވެގެން 10،000ރ. އިން ޖޫރިމަނާ ކުރަން ވަގުތުން ހުކުމް ކުރުމެވެ.











