ރާއްޖެއާއި ރާއްޖޭން ބޭރުގައި އިވެންޓް މެޏޭޖުކުރުމަށް ހާއްސަ ދިވެހި ކުންފުނި، ހައިރައިޒް އާއި ޕައިލެޓުން ތަމްރީން ކުރާ އެކަޑަމީއެއް ކަމަށްވާ، ފިލިޕީންގެ ރޯޔަލް އޭވިއޭޝަން އެކަޑަމީ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
އެޕްރީލް 29, ގައި ބާއްވާ މި އިވެންޓު އޮންނާނީ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ. އަދި, އެ އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ ޕުލިޔަން ކަލަތް، ކޮލިޓި ކޮންޓްރޯލް އެންޑް އެޝުއަރެންސްގެ ހެޑް ކެތީ ކަބަލަޓުންގަން އަދި ހެޑް އޮފް މާކެޓިން އެން ސޭލްސް ކެޕްޓަން ޖޮޔަންސް އަންބުމާނީ މި އިވެންޓުގައި ވާހަކަ ދައްކާނެ ކަމަށް ހައިރައިޒް އިން މައުލޫމާތު ދެ އެވެ.
"ހައިރައިޒްއާ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ރޯޔަލް އެކަޑަމީގައި މިހާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޕައިލެޓް ޓްރެއިނިން ހަދަމުން ދާ ދަނޑިވަޅެއްގައި ރާއްޖެއަށް ޒިޔާރަތްކޮށް މި ދަރިވަރުންގެ ބެލެނިވެރިންނާއި އޭވިއޭޝަން ޕްރޮޕެޝަނަށް ޝައުގުވެރިވާ ދިވެހި ކުދިންނަށް ބައްދަލު ކޮށްލަން ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް," އެ އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ ޕުލިޔަން ކަލަތް މައުލޫމާތު ދިނެވެ.
ރޯޔަލް އޭވިއޭޝަން އެކަޑަމީއަކީ ޕީޕީއެލް، ސީޕީއެލް، މަލްޓި އިންޖީން، އޭޓީޕީއެލް ތިއަރީ އަދި ގްރަރުންޑް (ޕްރޯޒަން އޭޓީޕީއެލް)، ފްލައިޓް އެންޑް ގްރައުންޑް އިންސްޓްރަކްޓަރ ކޯހުން ފެށިގެން ދަރިވަރުންނަށް ލައިސަންސް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ އެކަޑެމީއެކެވެ.

ރޯޔަލް އެކަޑަމީގެ ތަމްރީނުތަކެއްގެ ތެރެއިން. މިއީ ފިލިޕީންސްގެ އެންމެ މަގުބޫލު އެއް އެކަޑަމީ

އެ އެކަޑަމީއަކީ ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ދީފައިވާ، ޕައިލެޓުން ތަމްރީނު ހޯދުމަށް އެންމެ މަގުބޫލުކަން ހޯދަމުން އަންނަ ޓްރެއިނިން އެކަޑަ މީއެވެ. ރޯޔަލް އެކަޑަމީގައި ދަރިވަރުން ތަމްރީނުތަކަށް ބޭނުން ކުރުމަށް މަލްޓި އިންޖީން ފްލައިޓު ހިމެނޭހެން ޖުމުލަ 20 އަށްވުރެ ގިނަ އެއާކްރާފްޓްގެ ފްލީޓެއް އޮވެ އެވެ.
"މި ހަރަކާތުގެ ސަބަބުން ދަރިވަރުންނަށް އިންޑަސްޓްރީގެ އިސްވެރިންނާ އެކު ނެޓްވޯކް ކޮށް، ހިޔާލު ބަދަލުކޮށް، އޭވިއޭޝަން އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާއި ކުރިއެރުންތައް ދަސްކުރުމުގެ ރަނގަޅު ފުރުސަތެއް ލިބިގެންދާނެ," ކެޕްޓަން މަދޫ ބުންޏެވެ.
ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ފިޖީ، ޖަޕާން، ވިއެޓްނާމް، އޮސްޓްރޭލިއާ، ފްރާންސް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އޮމާން، ޕަޕުއާ ނިއުގިނީ، މެލޭޝިއާ ،އީރާން، ދެކުނު ކޮރެއާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ވަނީ އެ އެކަޑަމީން ލައިސެންސް ހާސިލުކޮށްފަ އެވެ.

ރޯޔަލް އެކަޑަމީގައި ތަމްރީން ހާސިލު ކުރަމުންދާ ދަރިވަރުންތަކެއް
އެ އެކަޑަމީގައި 80 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ތަމްރީން ހާސިލު ކުރަމުންދާއިރު 2023 ގެ އެކި އިންޓޭކަށް 50 އަށްވުރެ ގިނަ ދަރިވަރުން ވަނީ އެންރޯލް ވެފަ އެވެ.
ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ހައިރައިޒްއިން މައުލޫމާތު ދޭ ގޮތުގައި އޮންލައިންކޮށް ރެޖިސްޓްރީވާ މީހުންނަށް އިސްކަން ދޭނެ އެވެ. މި ލިންކް މެދުވެރިކޮށް ރެޖިސްޓްރީވެވޭނެ އެވެ.











