ވިޔަފާރި ކުރުމުން ފިހާރަތަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުން އަގު ނެގުން ލާޒިމް ކުރާ ގާނޫނު މާދަމާއިން ފެށިގެން ތަންފީޒު ކުރަން ފަށާނެ އެވެ.
މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ފާސްކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ އެވެ.
މި ކަމަށް އަމަލު ކުރަން ފަށަން ޖެހޭނީ ގާނޫނު ގެޒެޓު ކުރާ ދުވަހުން ފެށިގެން ހަތަރު މަސް ވާ ދުވަހުން ފެށިގެންނެވެ.
ޕްލާސްޓިކް ކޮތަޅުން ރުފިޔާ ނަގަން ފެށިނަމަވެސް ބައެއް ހާލަތްތަކުގައި އިސްތިސްނާ ވާނެ އެވެ.
ލެވީ ނެގުން އިސްތިސްނާ ވާ ހާލަތްތައް:

- ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅާ ކޮތަޅު
- ޑިއުޓީ ފްރީން ވިއްކާ ކޮތަޅު
- ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު
މި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ހަދައި އެކުލަވާލައިފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިންނެވެ. މީރާއިން ވަނީ ޖީއެސްޓީއަށް ރަޖިސްޓާ ކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދުގެ ސައްހަކަން ކަށަވަރުކުރުމަށް ބަލަހައްޓަންޖެހޭ ރިކޯޑުތައް ބަޔާންކުރުމާއި، ރިކޯޑު ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލުތައް ބަޔާންކުރާނެ ގަވައިދެއް އެކުލަވައިލައިފަ އެވެ.
ވިޔަފާރި ހަރަކާތުން ކަސްޓަމަރުންނަށް ވިއްކާ ޕްލާސްޓިކް ކޮތަޅުގެ އަދަދާއި ވިއްކި އަގު، ހިލޭ ފޯރުކޮށްދިން ޕްލާސްޓިކް ކޮތަޅު، ހަލާކުވާ ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކް ކޮތަޅަށް ނުވާ އެހެނިހެން ބާވަތުގެ ކޮތަޅުގެ އަދަދު އަދި ކަސްޓަމަރުން އަނބުރާ ރައްދުކުރާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު އެ ވިޔަފާރިއަކުން ބަހައްޓަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
މި ގާނޫނުގެ ދަށުން ނެގޭ ޖޫރިމަނާތައް ޖަމާކުރަން ޖެހޭނީ "މޯލްޑިވްސް ގްރީން ފަންޑް" އަށެވެ.













