ޗުއްޓީއާ ދިމާކޮށް އަރިދަފުސް ރޯގާއާއި ކޮވިޑް ފެތުރޭތީ ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރި 148 މީހުން ޕޮޒިޓިވްވި އެވެ. އަދި އެ ހަފްތާގައި 28 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހުނެވެ.
މިދުވަސްވަރު އަރިދަފުސް ރޯގާއާއި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާއިރު މިއީ ސްކޫލު ބަންދު ދުވަސްވަރެވެ. އަދި ކުރިއަށް އޮތީ ފިތުރު އީދު ޗުއްޓީ އެވެ. މި ދުވަސްވަރު ގިނަ ބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރާނެ ކަމަށް ބެލެވެ އެވެ.
އެހެންކަމުން ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އެގޮތުން ދަތުރުކުރާ އުޅަނދުގައި އަތް ސާފުކުރެވޭނެހެން ސެނެޓައިޒާ ބެހެއްޓުމާއި، ފަސިންޖަރުން ފޭބުމުން އަތްލާ ތަންތަން ސާފު ކުރުން އަދި އަމިއްލަ ރައްކާތެރިކަމަށްޓަކައި ޑްރައިވަރުން މާސްކު އެޅުމަށް އިލްތިމާސްކޮށްފައި ވެއެވެ.
އަދި ދަތުރުކުރާ މީހުންގެ އަމިއްލަ ރައްކާތެރިކަމަށްޓަކައި ދަތުރު ކުރުމަށްފަހު ސެނިޓައިޒާ ބޭނުންކުރުމާއި، ގައިދުރުކުރުން އަދި ބަލީގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކު އެޅުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުުމަށް ލައްފިލުވާ ސޮލިއުޝަން ބޭނުންކުރާނެ ގޮތް ހަނދާންކޮށްދީފަ އެވެ.
އަދި ބަލި ޖެހިފައިވާ މީހުން، އެހެން މީހުންގެ ރައްކާތެރިކަމަށް މާސްކު އެޅުމާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ވެސް ކިޔައިދީފައި ވެއެވެ.












