އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަކީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް 500 ފުރުސަތު ހުޅުވާލާފައިވާއިރު، އޭގެ 40 ޕަސަންޓު ހާއްސަ ކުރަނީ އަންހެނުންނަށެވެ.
މި ޕްރޮގްރާމުގެ ދަށުން މާލީ އެހީގެ ގޮތުގައި 60،000ރ. އާ ހަމައަށް އެހީވެދޭއިރު، އެއީ ހަރުމުދާ ގަތުމަށާއި، ވިޔަފާރިއަށް ބޭނުންވާ ސްޓޮކް ގަތުމަށް ވާ އެހީއެކެވެ.
އެހީވެދޭ ދާއިރާތައް:

- އަތްތެރި މަސައްކަތް
- ބިއުޓީ އަދި މޭކަޕް ކުރުން
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
- ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ކްރިއޭޓިވް އާޓްސް އަދި މިއުޒިކް
- ކުޅިވަރު އަދި ފިޓްނަސް
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށްވުމާއި، އަމިއްލަ ނަމުގައި ދިވެހި ރުފިޔާ އެކައުންޓެއް އޮތުން އަދި، މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނު ވޯކްޝޮޕް ފުރިހަމަ ކުރުން ހިމެނެ އެވެ.
މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި ފާއިތުވި ހަތަރު ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ މީހަކަށް ނުވުން ނުވަތަ ވަޒީފާ އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާގައި މަސައްކަތް ނުކުރުމަކީ ވެސް ޝަރުތެކެވެ.
ކޮވިޑާ ގުޅިގެން ފެށި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި މިއީ ތިންވަނަ ބުރެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ، ޖޮބް ސެންޓަރުން އިއުލާނު ކޮށްފައިވާއިރު، އަންނަ މޭ މަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތާއި، ފޯމު ވެސް ޖޮބްސެންޓަރުގެ ވެބްސައިޓުން ލިބޭނެ އެވެ.












