ކާމިޔާބު ހޯދުނީ ސިޔާސީ ހަލަބޮލިކަމުގައި ގެނބިގެން ނުދިޔުމުން, ކުރިއަށް ގެންދާނީ އެ ސިޔާސަތު: ރައީސް ސޯލިހު

Apr 11, 2023, 5:16 AM
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ އިބްރާހިމް ޝާޒަށް ތާއިދު ހޯދުމަށް ރައީސް ސޯލިހު އެ ރަށަށް ވަޑައިގެން ވާހަކަ ދައްކަވަނީ. އެ ދާއިރާގައި ހިމެނޭ ތިން ރަށް ކަމުގައިވާ ގުޅި، ގުރައިދޫ، މާފުއްޓަށް ރައީސް އިއްޔެ ވަޑައިގެންނެވި. -- ފޮޓޯ: އެމްޑީޕީ

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ އިބްރާހިމް ޝާޒަށް ތާއިދު ހޯދުމަށް ރައީސް ސޯލިހު އެ ރަށަށް ވަޑައިގެން ވާހަކަ ދައްކަވަނީ. އެ ދާއިރާގައި ހިމެނޭ ތިން ރަށް ކަމުގައިވާ ގުޅި، ގުރައިދޫ، މާފުއްޓަށް ރައީސް އިއްޔެ ވަޑައިގެންނެވި. -- ފޮޓޯ: އެމްޑީޕީ

ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި ކާމިޔާބު ހޯދުނީ ސިޔާސީ ހަލަބޮލިކަމުގައި ގެނބިގެން ނުގޮސް ރައްޔިތުންގެ އަޑު އަހައި މަސައްކަތްތައް ކުރިއަށް ގެންދެވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓު އިބްރާހިމް ޝާޒަށް ތާއިދު ހޯއްދެވުމަށް މާފުއްޓަށް ވަޑައިގެން ރޭ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރެއްވި ހިސާބުން ފެށިގެން އެ މަނިކުފާނުގެ މަސްއޫލިއްޔަތަކަށް، ޒިންމާއަކަށް ހެއްދެވީ ސިޔާސީ ހަލަބޮލިކަމުން ދުރަށް ޖެހިވަޑައިގެން، ވީ ވައުދު ފުއްދައި ދިނުމުގައި ކުރިއަށް ވަޑައިގަތުން ކަމަށެވެ.

ކެބިނެޓުގައި ތިއްބެވި ބޭފުޅުން ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ އެ އަމާޒުގައި ކަމަށާއި ކޮންމެ ރަށަކަށް ވެސް ކޮށްދީފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ލިސްޓު ވިދާޅުވެ ދެއްވޭނީ، ސިޔާސީ ހަލަބޮލިކަމުގައި ގެނބިގެން ނުދިޔުމުގެ ސިޔާސަތުގެ ސަބަބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"... ގުނާ އަދަދު ނުކުރެވޭ މިންވަރަށް، ކުރިއާ އަޅާބަލާއިރު މަސައްކަތް ކުރެވިފައި ހުރީ. (މި މަސައްކަތްތައް ކުރެވުނީ) އެ ސިޔާސީ ހަލަބޮލިކަމާ ދުރުގައި ހުރެ، އަޅުގަނޑުމެންގެ ވިސްނުން، ވީ ވައުދުތައް ފުއްދުމަށްޓަކައި ފޯކަސްކޮށްގެން ކުރެވުނު ކަންތައްތަކުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އަމާޒަކީ އެއީ ކަމަށާއި، މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުންގެ އެދޭ ކަންކަން ސިޔާސަތުތަކުގައި ހިމަނައިގެން ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ.

ސިޔާސީ ހަލަބޮލިކަމުގެ ވާހަކަ ފާހަގަ ކުރެއްވި ނަމަވެސް ވަކި ކަމަކަށް އަދި ވަކި ބޭފުޅަކަށް އެ ވާހަކަތައް ނިސްބަތް ނުކުރައްވަ އެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށަށް ވެސް ރައީސް ސޯލިހު އިއްޔެ ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާ ފެބްރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ. މިފަހަރުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން، ޕީޕީއެމް އާއި އެމްއެންޕީން ވާދަ ކުރެ އެވެ.

މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އިންތިހާބެއްގައި ގުރައިދޫ ދާއިރާގެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox