މާލެ ސަރަހައްދުން ތިލަފުއްޓަށް ކުނި ގެންދިޔުމަށްޓަކައި އިންޑަސްޓްރިއަލް ޒޯނުގައި އަޅާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް އަންނަ ޖުލައި މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު، އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ އެ ސަރަހައްދުގެ މަސައްކަތް ދާގޮތް ބައްލަވައިލެއްވުމަށް އެތަނަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މާލޭން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ވަގުތީކޮށް ބަހައްޓާ ތަނެއްގެ ގޮތުގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމުކުރަން ސަރުކާރުން ނިންމީ ޖޫން، 2021، ގަ އެވެ.
އެއީ ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑް، ޖަޕާން ފަންޑު ފޯ ޕްރޮސްޕަރަސް އެންޑް ރެޒިލިއެންޓް އޭޝިއާ އަދި އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މަޝްރޫ އެކެވެ. އެ މަޝްރޫއު އަކީ 11.8 މިލިއަން ޑޮލަރުގެ ހަރަދުކޮށްްގެން ދޮޅު އަހަރުތެރޭ ނިންމާގޮތަށް ފެށި މަސައްކަތެކެވެ.
އެ މަސައްކަތް ކުރަމުން ދަނީ ޗައިނާގެ، ސްޓޭޓް ކޮންސްޓްރަކްޝަން އެންޑު އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިންނެވެ.

އަންނަ ޖުލައި މަހަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއިރު، އެތަނުގައި މިހާރު ކުރަމުން ދަނީ ފިނިޝިންގެ މަސައްކަތެވެ.
ވޭސްޓު ޓުރާންސްފާ ސްޓޭޝަނުގެ ގޮތުގައި އިމާރާތް ކުރާ ތިން ފަންގިފިލާގެ އިތުރުން އެތަނުގައި ވެމްކޯއާއި އެންވަޔަރަމަންޓު މިނިސްޓަރީގެ ކުންޏާ ބެހޭ ޑިޕާޓުމެންޓު އަދި އެންވަޔަރަމަންޓު ޕްރޮޓެކްޝަން އޭޖެންސީގެ އިދާރީ މަސައްކަތްތައް ކުރަން ހާއްސަ، ހަތް ފަންގިފިލާގެ އިމާރާތެއް ވަނީ އަޅައިފަ އެވެ.
އެ ސްޓޭޝަނަކީ ގުރޭޓާ މާލެ ސަރަހައްދުގައި އުފެދޭ ކުނި، ރައްކާތެރި ނިޒާމެއްގެ ތެރެއިން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަން ފެށި މަސައްކަތެކެވެ.












