ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ނުހެދުމަށް އެމްއެންޕީ އިން ނިންމައިފި އެވެ.
އެމްއެންޕީއިން މިހެން ނިންމާފައިވަނީ ޖޭޕީގެ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ބޭއްވި އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އިއްޔެ އެމްއެންޕީ ހިމެނޭހެން ފަސް ފަރާތަކަށް ފޮނުވި ސިޓީގެ ޖަވާބުގައި އެމްއެންޕީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެހެން ޕާޓީއަކުން އިސްވެ ހަދާ ކޯލިޝަނަކާ ނުގުޅޭނެ ކަމަށެވެ.
އެމްއެންޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ޕާޓީއިން މިގޮތަށް ނިންމީ ޖޭޕީއާއެކު ކޯލިޝަން ހަދައިފިނަމަ އިންތިހާބުގައި އެ ޕާޓީއިން ވާދަކުރާނެކަމަށް ރައްޔިތުންނަށް ދިން ޔަގީންކަން ގެއްލުމުގެ އިތުރުން. ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމަކީ އެ ޕާޓީގެ މެންބަރުންނާއި ތާއީދުކުރާ ފަރާތްތަކުގެ ވިސްނުމާ ފުށުއަރާ ކަމަކަށްވާތީ ކަމަށެވެ.
ނަމަވެސް، ފުރަތަމަ ބުރު ނާކާމިޔާބު ވެއްޖެނަމަ ދެވަނަ ބުރުގައި ޖޭޕީއާއެކު ކޯލިޝަން ނުހަދާނެ ކަމަށް އެމްއެންޕީއިން ބުނެފައެއް ނުވެ އެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.

އެމްއެންޕީގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމާއި އެމްއާރުއެމް އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށް ވެސް ގާސިމް ދައުވަތު ފޮނުއްވާފައިވެ އެވެ.
އޭގެ ތެރެއިން އުމަރު އަދި ޕީޕީއެމް އިން ވަނީ ގާސިމްގެ ފަހަތަށް ނާރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، އެމްއާރުއެމް އަދި ޑރ. މުނައްވަރުގެ ޓީމުން މިހާތަނަށް އެ ސިޓީއަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ. ޖޭޕީއިން ވަނީ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް އެމްއާރުއެމްއާއެކު މަޝްވަރާވެސް ކޮށްފަ އެވެ.
ޖޭޕީއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ނުހަދައި ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާއިރު، މިހާތަނަށް އެ ޕާޓީއާއެކު ބައިއަތު ހިފާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ތެރޭގައި އުފައްދަވާފައިވާ 'ފިކުރެއްގެ ދިރުން' ފެކްޝަނުންނެވެ.












