ދިވެހިރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި އައްޑޫ ސިޓީގެ ދެ ކުއްޖަކަށް ޖެހި، އެ ބަލީގެ އައުޓްބްރޭކެއް އިއުލާނުކޮށްފައިވާއިރު ބަލިވީ ވެކްސިން ނުޖަހާ ތިބި ދެ ކުދިންކަން މި ނޫހަށް އެނގިއްޖެ އެވެ.
އެކަމުގެ މައުލޫމާތު އެނގޭ ދެ މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އެ ދެ ކުދިންނަށް ވެކްސިން ނުޖަހާ ހުރީ ބެލެނިވެރިން އެކަމާ ގަބޫލުނުވާތީ ކަމަށެވެ. އަދި ވެކްސިން ޖެހުމާ ބެލެނިވެރިން ދެކޮޅީ އެމީހުންގެ ދީނީ ގަބޫލުކުރުންތަކާ ހެދި ކަމަށް ވެސް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.
މި ނޫހުން މިހާތަނަށް ބެލި ބެލުމުން އެއީ ސްކޫލަށް ފޮނުވާ ކުދިންކަން އެނގިފައެއް ނެތެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެޗްޕީއޭއިން ބުނީ އޭގެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.
އައްޑޫ ސިޓީން ހިމަބިހި ޖެހުނު ކުއްޖަކާއި ހިމަބިއްސަށް ޝައްކު ކުރެވޭ ކުއްޖަކު ފެނިގެން އެޗްޕީއޭއިން އެކަން އިއުލާން ކުރީ އިއްޔެ އެވެ.

ހިމަބިހީގެ ދެނެގަނެވުނު ދެ ކޭސްގައި ވެސް އިންފެކްޝަން ޕީރިއަޑް ނުވަތަ ކުއްޖާ ގައިން އެހެން މީހަކަށް ނުވަތަ ކުއްޖަކަށް ބަލި އަރާނެ ކަމަށް ބެލެވޭ މުއްދަތު މިހާރު ވަނީ ފަހަނަ އަޅައި ގޮސްފައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެންކަމުން އެ ދެ ކުދިން ގައިން ވެސް އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެ ދެ ކޭސްއާ ގުޅިގެން ކޮންޓެކްޓްވި މީހުން ދެނެގަތުމާއި އެ ކުދިންނަށްބަލި ޖެހުނު ސަބަބު ދެނެގަތުމުގެ މަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންކަން ކުރަމުންދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާތީ, ބަލީގެ އެންމެ ކޭސްއެއް ފެނުނު ނަމަވެސް އެއީ ބަލީގެ އައުޓްބްރޭކެއް ކަމަށް ބަލަ އެވެ. އެޗްޕީއޭއިން ބުނީ ހިމަބިހީގެ މި އައުޓްބްރޭކްގެ ކޭސް އިންވެސްޓިގޭޝަން އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު މައުލޫމާތު އެގެމުންދާ ވަރަކަށް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވަ އެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާކަން ޑަބްލިއުއެޗްއޯއިން އިއުލާން ކުރީ 2017 ވަނަ އަހަރެވެ. އެފަހުން 2020 ވަނަ އަހަރު ކުރީކޮޅު ވެސް ހިމަބިހީގެ އައުޓްބްރޭކެއް އައި ނަމަވެސް އެ އައުޓްބްރޭކް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.













