ޖެނީވާގައި ހުންނަ އދ. އޮފީހަށް ކަނޑައަޅާފައިވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރެއްވުމަށް ނިންމައިފި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސް ކަމަށް ވެސް އަދާކުރައްވާ ޑރ. އާސިމް ރައީސް ސޯލިހަށް ތާއިދު ކުރައްވަން ނިންމަވައި ޓްވީޓު ކުރެއްވީ، އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމަވާފައި އޮއްވަ އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި ރާއްޖެއަށް ގެނެސްދެއްވާފއިވާ ތަރައްގީ އާއި ކުރިއެރުމާއި އިޖުތިމާއީ ހަމަޖެހުން ދެމެހެއް ޓުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިހުބުގައި ރައީސް ސޯލިހަށް ތާއީދު ކުރަން އަޅުގަނޑު ނިންމައިފިން،" ޑރ. އާސިމްގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. އާސިމް ރައީސް ސޯލިހަށް ތާއިދު ކުރައްވަން ނިންމެވި ނަމަވެސް ޖޭޕީ ދޫކޮށް ނުލައްވަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މާއުސޫމް ވެސް ޖޭޕީން ވަކިވެވަޑައި ނުގެންނެވި ނަމަވެސް ރިޔާސީ އިންތިހާބުގައި ތާއިދު ކުރައްވާނީ ރައީސް ސޯލިހަށް ކަމަށް ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއެކު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަނީ ޕާޓީ ވަކިވެވަޑައިގެންފަ އެވެ. އެ ބޭފުޅުންނަކީ، ރައީސް އޮފީހުގެ މިނިސްޓަރު އަދި ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު، އިމިގްރޭޝަން ކޮންޓްރޯލަ މުހައްމަދު އަހުމަދު (ހަނަފީ)، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ހަސަން (އެވިލާ)، ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް (ސޯނީ)، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ޗައިނާގެ ޑިއުޓީ އެމްބެސެޑަރު ސޮބާހު ރަޝީދު އެވެ. އަދި އިއްޔެ ވަނީ އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވެސް ޕާޓީން ވަކިވެ، އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.












