އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމުން، މިހާރު ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވަކިވުމުގައި ޕާޓީ ބަދުނާމުކުރުމުގެ ބަދަލުގައި ހަގީގީ ސަބަބު ހާމަކުރުމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.
ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ ވަކިން އިންތިހާބަށް ނުކުތުމަށް ނިންމުމާއެކު، އެ ޕާޓީގެ އިސް ބައެއް މެމްބަރުން ވަނީ ޕާޓީން ވަކިވެފަ އެވެ.
އޭގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު (ހަނަފީ) ހިމެނެ އެވެ.
އެކަމާ ގުޅިގެން ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން މަގާމު ދިފާއުކުރުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ކުރުން ގޯސް ކަމަށެވެ.
"...ކަމުގެ ހަގީގަތާ އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން އިއްލާން ކުރެއްވުން ކީއްތޯ؟" ގާސިމް ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީގެ ޕްރައިމަރީއަށް ގާސިމް އެކަނި ކުރިމަތިލުމާއެކު ޕާޓީގެ ރިޔާސީ ޓިކެޓު ވަނީ އެމަނިކުފާނަށް ޔަގީންވެފަ އެވެ.
ރައީސް ސޯލިހާއެކު ކޯލިޝަން ނުހަދައި ޖޭޕީން ވަކިން ވާދަކުރާއިރު، އެ ޕާޓީއަށް ތާއިދުކުރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ތެރެއިން އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.












