ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް "އިބޫ 23" ޖަހާފައި އިން ޖާޒީއެއް މަހުޖަނު އަދި ވިޔަފާރިވެރިޔާ އަހުމަދު މޫސާ (އުއްޗު) މިއަދު ދެއްވުމުން އޭނާގެ ތާއީދު ރައީސަށް ޔަގީންކުރެއްވުނީ ކަމަށް ބެލެވިއްޖެ އެވެ.
ރައީސް ސޯލިހަށް މިއަދު ޖާޒީއެއް އުއްޗު ހަދިޔާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަ ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ފޯމު ހުށަހެޅުއްވިތާ 24 ގަޑިއިރުގެ ތެރޭގަ އެވެ.
ރައީސް އާއި އުއްޗު މިއަދު ބައްދަލު ކުރެއްވީ ވިޔަފާރިވެރިޔާ ގެންގުޅުއްވާ ރަށެއް ކަމަށްވާ ޗަމްޕާގިރީގަ އެވެ. ރައީސް އެ ރަށަށް ވަޑައިގެންނެވީ އުއްޗު ދެއްވާ ރޯދަ ވީއްލުމަކަށެވެ.

ރައީސް ސޯލިހާއި އުއްޗު މިއަދު ގަމަރުގިރީގައި: ރައީސް ސޯލިހަށް އުއްޗުގެ ތާއީދު ޔަގީން ކުރެވިއްޖެ ކަމަށް މިހާރު ބެލެވޭ --

ސޯލިހަށް އުއްޗުގެ ތާއީދު ޔަގީން ކުރެވިއްޖެ ކަމަށް މި ބެލެވުނީ އޭނާގެ ތާއީދު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ.
އުއްޗުއާ ބައްދަލު ކުރެއްވުމަށް އޭނާ ކައިރިއަށް މީގެ ކުރިން ނަޝީދާއި ރައީސް ސޯލިހު ވެސް އަދި އެ ދެ ބޭފުޅުންގެ މަންދޫބުން ވެސް ވަޑައިގެންފައިވެ އެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މިވަގުތު ބެލެވެނީ ރައީސް ސޯލިހާއި ގާސިމް އިބްރާހިމްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވެ އެވެ.
ގާސިމްގެ ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހު އޮތީ ދައުވަތު އަރުވައިފަ އެވެ. ނަމަވެސް އެ ދައުވަތު ގަބޫލުނުކޮށް އެ ޕާޓީން މަސައްކަތް ކުރަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއެކު އެވެ.











