ރޯދަ މަހަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަދުރު ހަވާލުކޮށް ދެއްވީ ރާއްޖޭގައި ހުންނަވާ ސައުދީގެ ސަފީރު މަތްރިކް އައްދައުސަރީ އެވެ. އެ ރަސްމިއްޔާތުގައި ކިންގު ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދު ބައިވެރިވި އެވެ.
އެ ރަސްމިއްޔާތުގައި، ސައުދީ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަ ކުރެއްވުމަށް ފަހު ސަފީރު ވިދާޅުވީ މިފަހަރުގެ ކަދުރަކީ ވެސް އެ ގައުމުގެ ރަސްގެފާން ސަލްމާން ހަދިޔާ ކުރެއްވި ތަކެތި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތަނުގައިވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ސައުދީން ރާއްޖެއާމެދު ބަހައްޓާ ގާތްކަމާއި، ކަދުރު ހަދިޔާ ކުރީތީވެ، މިނިސްޓަރު ޒާހިރު ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މި އަހަރު ލިބުނު ކަދުރު ބަހަން އަންނަ ފަށާނީ އަންނަ ހަފުތާގަ އެވެ.














