މިހާރު ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ހަމައަށް އެކުގައި ސަރުކާރާ އެކު ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނާ އެކު އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އަދި އެމްޑީއޭގެ އިސްވެރިންނާ މުލިއާގޭގައި މިއަދު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިހާރު ސަރުކާރުގެ ކޯލިޝަނުގައި އޮތް ޖުމްހުރީ ޕާޓީއިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކޯލިޝަން ހެދުމަށް އެދި އެ ޕާޓީއަށްވެސް ސިޓީއެއް ފޮނުއްވި ކަމަށާއި އެ ސިޓީއަށް ޖަވާބެއް އަދި ލިބިފައިނުވާ ކަމަށެވެ. އަދި ޖޭޕީއިން ވަކިން ވާދަކުރަން ނިންމި ނިންމުމަކީ އެ ޕާޓީގެ އެތެރޭގެ ނިންމުމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެގްރީމެންޓެއް އެބައޮތް ދައުރު ނިމެންދެން އެކުގައި މަސައްކަތް ކުރުމަށް، އެއީ އަކުރުން އަކުރަށް މާނަކުރީމަ އޮތްގޮތް، އެހެން ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިއަށް ދާއިރު އަޅުގަނޑުމެންނަށް އެކީގަ ނުތިބެވޭ ކަމަށް ވަންޏާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއޮތީ އެ އެގްރީމެންޓު ނިމުމަކާ ހިސާބަށް ގެންނަން ޖެހިފައި."
ރައީސް ވިދާޅުވީ އޭގެ މާނައަކީ މިހާރު ކޯލިޝަނެއް ނެތުން ނޫން ކަމަށެވެ. ނަމަވެސް، އެއްބަސްވެވޭ އެއްބަސްވުމަކީ ތަންފީޒުކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށާއި އެއްބަސްވުން ތަންފީޒުނުކުރެވޭ ކަމަށް ވަނީ ނަމަ އޭގެ ބޭނުމެއް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މިވަގުތު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި އަދި އެހެން އިސް މަގާމުތަކުގައި ތިބި ޖޭޕީގެ ބޭފުޅުންނާމެދު ކަންކުރައްވާނެ ގޮތަކާމެދު ސުވާލުކުރުމުން ރައީސް ވިދާޅުވީ، ހިޔާލު ތަފާތުވާ ބަޔަކާއެކު ނިންމުންތަކެއް ނިންމަން އުނދަގޫ ވާނެ ކަމަށެވެ. ނަމަވެސް ޖޭޕީ އާއި އެ ޕާޓީގެ ވަޒީރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ރައީސް ސީދާ ވިދާޅެއް ނުވެ އެވެ.
ރައީސް ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީން ނިންމާފައިވާއިރު ގިނަބަޔަކު ގަބޫލުކޮށްގެން ތިބީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. ނަމަވެސް އެ ޕާޓީއިން މިހާރު ވަނީ ރިޔާސީ ޕްރައިމަރީއެއް ބާއްވާނެކަން އިއުލާންކޮށް މި މަހުގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
މިހާރު އޮތް ކޯލިޝަން އެއްބަސްވުމުގެ ދަށުން ދީފައިވާ މަގާމުތަކުން ޖޭޕީގެ މެންބަރުން ވަކި ނުކުރެވޭ ކަމަށް ވިދާޅުވެ ގާސިމް ވަނީ ރައީސް ސޯލިހަށް ބަހުގެ ހަމަލާތަކެއްވެސް ރައްދުކޮށްފަ އެވެ. އެގޮތުން ކޯލިޝަން އެއްބަސްވުން ހެދީ ފަސް އަހަރަށް ކަމަށާއި އޭގެ ކުރިން ޖޭޕީ ކޯލިޝަނުން ބޭރުކުރާނަމަ ރައީސް ސޯލިހުވެސް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.













