ވިލިމާލޭގައި ބަގީގެ ހިދުމަތް ދެމުން އައި ކުންފުނީގެ މަސައްކަތްތައް ހުއްޓާލައި، ދީފައި ހުރި ބިންތައް ހަވާލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ކުރީގެ ސިޓީ ކައުންސިލުން ފުރަތަމަ ހަވާލުކުރީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެހެންނަމަވެސް، އެ ކުންފުނިން ވަނީ ފަހުން އެ މަސައްކަތް 99 ހޯލްޑިންސް ކުންފުންޏަށް ބަދަލުކޮށްފަ އެވެ. އެ ހިދުމަތް ދިނުމަށް ބޭނުންވާ ޓާމިނަލް އާއި ޕާކިން އެޅުމަށް ސިޓީ ކައުންސިލުން އެ ކުންފުންޏަށް ދެ ބިމެއްވެސް ދިނެވެ.
ނަމަވެސް އަލަށް އިންތިހާބުވި ކައުންސިލުން އެ އެއްބަސްވުން އުވާލީ މިދިޔަ އަހަރު ފަހުކޮޅު އެވެ.
މީގެ ކުރިންވެސް މި މައްސަލަ 99 ހޯލްޑިންސް ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ ފަހަރު ސިވިލް ކޯޓުން ސިޓީ ކައުންސިލްގެ އެ ސިޓީއަށް އަމަލުކުރުން ބާތިލް ކުރި ނަމަވެސް އެ ހުކުމް ފަހުން ވަނީ ސިޓީ ކައުންސިލުން އިސްތިއުނާފުކުރުމުން ހައި ކޯޓުން ބާތިލް ކޮށްފަ އެވެ.
މިއަދު ސިވިލް ކޯޓުން ނެރުނު އަމުރުގައި 99 ހޯލްޑިންސް ކުންފުނިން ބޮޑު އިންވެސްޓުމަންޓުތަކެއް ކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެއްބަސްވުމަށް އަމަލުކުރުމާއި ބާތިލް ކުރުމުން 99 ހޯލްޑިންސް ކުންފުންޏާއި ސިޓީ ކައުންސިލަށް ލިބޭ ސީދާ ގެއްލުން ދެނެގަންނަން ދަތިވާތީ އެ ކަމުގައި އަމަލުކުރާނީ ހައި ކޯޓުން މި މައްސަަލައިގައި ނިންމާފައިވާ އުސޫލާ އެއްގޮތަށް ކުރިން އޮތް ހާލަތު ދެމެހެއްޓުން ކަމަށެވެ.
ބަގީގެ އެއްބަސްވުމާ ގުޅޭގޮތުން މިއަދު ސިވިލް ކޯޓުން މިގޮތަށް އަމުރު ނެރެފައި މިވަނީ މި މަހުގެ 16 ގައި ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް އެ ރަށަށް ބަގީތައް ގެންގޮސް ތައްޔާރުވެފައި ވަނިކޮށެވެ. ސިޓީ ކައުންސިލުން އެ ހިދުމަތް ދިނުމަށް ޖުމްލަ 10 ބަގީއެއް ގެނެސްފައިވެ އެވެ.












