ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ގަތަރު އަދި ޖަރުމަނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމާ އާ ބައްދަލުކުރައްވައިފި އެވެ.
ޖަރުމަނުގެ ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ރައީސުން ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމާމެދު މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ރައީސް ސޯލިހު ވަނީ ޔޫރަޕުގެ އިއްތިހާދުގައި ޖަރުމަނުން ކުޅޭ ރޯލަށް ތައުރީފުކުރައްވާފަ އެވެ.
މީގެއިތުރުން، މިއަދުގެ ބައްދަލުވުމުގައި ރާއްޖެއިން ޔޫރަޕުގެ ގައުމުތަކަށް ބޭރުކުރާ މަހުން ނެގޭ ޑިއުޓީ ކުޑަކުރުމާއި ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ ގޮތް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދިޔަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ސޯލިހު އިއްޔެ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެއާއެކު ބޭއްވި ބައްދަލުވުމުގައިވެސް މަހުގެ ޑިއުޓީ ކުޑަކުރުމަށް ޖަރުމަނުގެ އެހީއަށް އެދިވަޑައިގެންފައިވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ދެ ރައީސުންގެ ދެމެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ދެން އިސްކަމެއް ދެއްވާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމަށެެވެ. އެގޮތުން މޫސުމީ ބަދަލާއި، އިޔާދަކުރަނިވި ހަކަތައިގެ އިތުރުން ވައިގެދަތުރުފަތުރުގެ ސިނާއަތުގައި ރާއްޖެއާ ޖަރުމަނު އެކުގައި މަސައްކަތް ކުރުމަށް ދެ ރައީސުންވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ދެ ރައީސުން ބައްދަލުވުން ނިންމަވާލެއްވީ 1965 އިން ފެށިގެން ރާއްޖެއާ ޖަރުމަނާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަމާއެކު އެވެ.












