އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު އިސްލާހު ކުރަން ހައި ކޯޓުން އެމަނިކުފާނުގެ ވަކީލުންނަށް އަންގައިފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގަ އެވެ.
އޭގެ ފަހުން ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެނގިފައިވާ ގޮތުގައި، އިސްތިއުނާފު ކުރި ލިޔެކިޔުންތަކުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރުމުން އެ ކަން އަންގައި ޔާމީންގެ ވަކީލުންނަށް ހައި ކޯޓުން ސިޓީއެއް ފޮނުވީ މިއަދުގެ ވަގުތެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ގޮތުގައި ގާނޫނީ އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހެ އެވެ.
އެއާއެކު، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ވަނީ ބަންދުވެފަ އެވެ. ޔާމީން މިނިވަންކުރުމަށް ގޮވާލައި، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ގެންދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު ވެސް މާލޭގެ މަގުތައް މަތީގައި މުޒާހަރާ ކުރަމުންނެވެ.
އަދި، ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަކުރުމުގެ ދައުވާގެ އިތުރު މައްސަލައެއް ވެސް އެބަ އޮތެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލަ ކްރިމިނަލް ކޯޓުގައި އަދި އޮތީ ޝަރީއަތުގެ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ.












