އދ. އިން ބާއްވާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގެ ތެރެއިން، ފަލަސްތީނުގެ ރައީސް މުހައްމަދު އައްބާސްއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް ސޯލިހު، ފަލަސްތީނުގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގެ ދެ ފޮޓޮއަކާއެކު ކުރެއްވި ޓްވީޓެއްގައި، ފަލަސްތީނާއެކު ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފަ އެވެ.
އިޒްރޭލުގެ ނަމުގައި ދައުލަތެއް ވުޖޫދުވުމުގެ ކުރިން 1967 ގައި ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ އަދި އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ އަމިއްލަ ސިޔާދަތެއް ލިބިފައިވާ މިނިވަން ފަލަސްތީނެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން ތާއީދުކުރަމުންދާ ސިޔާސަތު އަބަދު ވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ދެއްވައިފަ އެވެ.
ރާއްޖެ އާއި ފަލަސްތީނާ ދެމެދު އޭޕްރިލް 4، 1982 ގައި ސިޔާސީ ގުޅުން ގާއިމު ކުރި ނަމަވެސް، ރާއްޖޭން ފަލަސްތީނަށް ސަފީރަކު ކަނޑައަޅައި އޭގެ ފަތްކޮޅު ފަލަސްތީނުގެ ރައީސަކަށް އެރުވީ މީގެ ތިން ދުވަސް ކުރިންނެވެ.
ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މުހައްމަދު ހަލީލު ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރައްވައި އެމަނިކުފާނަށް ފަތްކޮޅު އެރުވީ މީގެ ތިން ދުވަސް ކުރިން އުރުދުންގައި ހުންނަ ފަލަސްތީނުގެ އެމްބަސީގައި ކުރިއަށް ދިޔަ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތެއްގަ އެވެ.













