ގާސިމްގެ އެޑްވައިޒަރު އިލްހާމް، ނަޝީދާއެކު މަޝްވަރާކުރައްވައިފި

ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް، ރައީސް ނަޝީދު އަދި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި - ފޮޓޯ: އިބްރާހިމް ޝަރީފް ޓްވިޓާއ

ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް، ރައީސް ނަޝީދު އަދި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި - ފޮޓޯ: އިބްރާހިމް ޝަރީފް ޓްވިޓާއ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާއްސަ އެޑްވައިޒުންގެ ތެރޭގައި ހިމެނޭ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު މިއަދު ބައްދަލުވުމެއް ބާއްވައިފި އެވެ.

އެ ބައްދަލުވުމަށް ފަހު، ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއެކު އިލްހާމް ނަންގަވާފައިވާ ފޮޓޯއެއް ދަނީ ޓްވިޓާގައި ދައުރުވަމުންނެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން އިލްހާމް ވިދާޅުވީ ނަޝީދުގެ ދައުވަތަށް ބައެއް ކަންކަމާ މަޝްވަރާ ކުރެއްވުމަށް ބައްދަލުވެވަޑައިގަތީ ކަމަށެވެ. މި ވަގުތަށް މަޝްވަރާ ކުރެއްވި ކަންކަން ހާމަކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

ބައްދަލުވުމުގެ މާ ބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް ބެލެވޭ ގޮތުގައި މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ ގުޅިގެން ނަޝީދު މަސައްކަތް ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ގެންދެވި ބައްދަލުވުމެކެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ކުރިން އެމްޑީޕީގެ ޗެއާޕާސަނަކަށް ވެސް ހުންނެވި ހަސަން ލަތީފު ވެސް ވަނީ މިހާރު އޮތް ސަރުކާރުގައި އެމްޑީޕީއަށް ލިބޭ 40 އިންސައްތައަށް ވުރެ ބޮޑު އިންސައްތައެއް ލިބޭ ގޮތަށް އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ނުކުތުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

"މިހާރު އޮތް ސަރުކާރުގައި 40 ޕަސެންޓު އޮތް އިރު، އެއަށް ވުރެ ރަނގަޅު ޕަސެންޓޭޖަކާ އެކީގައި، އެމްޑީޕީއަށް ސަރުކާރަށް އާދެވިފައި، އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތަކާއި އުސޫލުތައް އުފެއްދޭނެ ސަރުކާރެއް އުފެއްދުން މާ މުހިންމު، އެމްޑީޕީގެ ނަމެއްގައި ރައީސެއް ހުރުމަށް ވުރެ،" އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު އެ މޭރުމުން ވާހަކަ ދެއްކެވީ، އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ނެރެގެން ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދިނުން ކަމަށް އެމްޑީޕީގެ މެންބަރުންނަށް ވިސްނައިދިނުމަށް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) ފުރަތަމަ ވިދާޅުވުމާ ގުޅިގެނެވެ.

އެ ވާހަކައަށް ފަހު ނަޝީދު ވިދާޅުވީ ސަރުކާރުގައި މިހާރު އޮތް ހިއްސާއަށް ވުރެ ބޮޑު ހިއްސާއެއް ލިބޭ ނަމަ އެމްޑީޕިއަށް ރަނގަޅުވާނެ ކަމަށެވެ.

"މިވަގުތު އެމްޑީޕީއަށް ލިބިފައި އޮތީ 40 ޕަސެންޓު ސަރުކާރުގެ، އެއަށް ވުރެ އިތުރު މިންވަރެއް ލިބޭ ގޮތް ކަމަށް ވަންޏާ އެ ޕާޓީއަށް ރަނގަޅު ގޮތް ކަމަށް ލަފާ ކުރެވިދާނެ،" ނުސީދާކޮށް އެކަމަށް ތާއީދު ކުރައްވަމުން އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވިއިރު، ރައީސަށް ތާއީދުކުރައްވަން އެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ނަޝީދު ނުނިންމަވަ އެވެ. ކުރިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އަބަދުވެސް ހުންނެވި ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރައީސް ސޯލިހާއެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ރައީސް ސޯލިހު ބޭނުންފުޅުވަނީ މިހާރު އޮތް ސަރުކާރު ކޯލިޝަންގެ ބައިވެރިންނާއެކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ނުކުތުމަށެވެ. ނަމަވެސް އެމަނިކުފާނުގެ ދައުވަތު މިހާތަނަށް ގަބޫލުކޮށްފައިވަނީ އަދާލަތު ޕާޓީ އެކަންޏެވެ. ޖުމްހޫރީ ޕާޓީން އިންތިހާބަށް ނުކުތުމަށް ކައުންސިލަށް ލަފާ ދިނުމަށް އެ ޕާޓީގެ ކޮންގްރެސްއިން ނިންމާފައިވާއިރު، އެމްއާރުއެމް އިން އަދި އިންތިހާބާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

އެކަމަކު ސަރުކާރުން މިހާރު ވަނީ އެމްޑީއޭއާއެކު ކޯލިޝަނެއް ހެދުމަށް އެއްބަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox