ސަރުކާރުގެ އޮފީސްތައް ހިމެނޭހެން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އިމާރާތްކުރި މަލަސް ރެޒިޑެންސް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
އެ އިމާރާތުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހު އާއި ރައީސް އޮފީހުގެ މިނިސްޓަރު، އަހުމަދު ސަމީރު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހު ވިދާޅުވީ މަލަސް ރެޒިޑެންސް ރަސްމީކޮށް މިއަދު ހުޅުވުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ހިޔާވަހިކަމެއް މިލްކު ކުރުމަށް މަގުފަހުވެގެން ގޮސްފައިވާ ކަމަށެވެ.
އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ މަގު ފަހިކޮށްދިނުމަކީ އެކަމަށް އެދިއެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

މިއަދު ހުޅުވި 15 ފަންގިފިލާގެ އެ އިމާރާތުގައި ޖުމްލަ 192 އެޕާޓުމެންޓު ހިމެނެ އެވެ. އެއީ ތިން ކޮޓަރީގެ 60 އެޕާޓުމެންޓާއި ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ 40 އެޕާޓުމެންޓުގެ އިތުރުން އެއް ކޮޓަރީގެ 92 އެޕާޓުމެންޓެވެ.
އެ އިމާރާތުގެ އެންމެ ތިރީގައި އެތެރެއިން ވަދެވޭގޮތަށް ދެފަރާތުގައި ވެހިކަލް ޕާކު ކުރުމަށް ހާއްސަ ދެ ޒޯނަކާއި އިމާރާތުގެ މެދަށް އޮންނަ ހުސްޖާގައިގައި ކުޑަކުދިން ކުޅޭނެ 'ޕްލޭ އޭރިއާ' އެއް ވެސް ގާއިމުކޮށްފައިވެ އެވެ. އޭގެއިތުރުން އިމާރާތުގެ އެތެރޭގައި ފިހާރައެއް ވެސް ހުރެ އެވެ.

އެމްޑަބްލިއުއެސްސީގެ މަލަސް ރެޒިޑެންސް -- ފޮޓޯ: އަދަދު
އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ، ދި ޓުވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސްގެ ފަރާތުންނެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 2018 ވަނަ އަހަރު އެވެ.
އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ހާއްސަކޮށް އިމާރާތްކުރި އެ އިމާރާތުން ފުލެޓު ލިބޭ މީހުންނާ މިހާރު ވަނީ އެތަންތަނުގެ ތަލުދަނޑި ހަވާލުކޮށްފަ އެވެ. އެފަރާތްތަކުން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އިސްލާމިކް ބޭންކު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް އެމްޑަބްލިއުއެސްސީން ވަނީ ހަމަޖައްސައިދީފަ އެވެ.












